މަސްވެރިންނަށް މިފްކޯއިން މަސް ގަތް ބިލުތަކަށް ސަރުކާރުން ދައްކަން ހުރި ފައިސާގެ ތެރެއިން 35 މިލިއަން ރުފިޔާ މިއަދު ޖަމާކޮށްފި އެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ މިއަދު މިފްކޯއިން ޖަމާކުރި 35 މިލިއަން ރުފިޔާއާއެކު ސަރުކާރުން މަސްވެރިންނަށް ވައުދުވެފައިވާ ގޮތުގެ މަތިން މިދިޔަ ބުދަ ދުވަހާއި މިއަދު ހިމެނޭހެން ޖުމްލަ 105 މިލިއަން ޖަމާކޮށްދީފައިވާނެކަމަށެވެ. އަދި މިއަދު ދިން ފައިސާއާއެކު މަސްވެރިންނަށް ފާއިތުވި ނޮވެމްބަރު 17 ވަނަ ދުވަހުން ފެށިގެން ޖުމްލަ 561 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ. މި ފައިސާ ގުނާފައިވަނީ މަސްވެރިން ކްރެޑިޓަށް ނަގާފައިހުރި ތެލަށާއި އައިހަށް ދެވިފައިވާ ފައިސާ ހިމަނައިގެންކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.












