އައްޑޫ ސިޓީގައި މަސްވެރިކަމާއި ކަނޑުދަތުރުފަތުރުގެ ލޮޖިސްޓިކް ހަބެއް ގާއިމުކުރުމުގެ މަޝްރޫއު ހިންގުން އަވަސްކުރުމާ ގުޅޭގޮތުން، ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ކޯޕަރޭޝަން (ސީ.އެމް.އީ.ސީ) އާއެކު މަޝްވަރާކުރައްވައިފިއެވެ.
އިއްޔެ ފިޝަރީޒް މިނިސްޓްރީގައި ބޭއްވެވި މި މަޝްވަރާ ބައްދަލުވުމުގައި، ސީ.އެމް.އީ.ސީގެ ރައީސް ފަންގް ޔަންޝޫއީ އާއި މިހާރު ރާއްޖެ ޒިޔާރަތްކުރައްވަމުން ގެންދަވާ ސީ.އެމް.އީ.ސީގެ ވަފުދާއި، ފިޝަރީޒް މިނިސްޓްރީގެ ބައެއް އިސްވެރިން ބައިވެރިވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި ބޮޑަށް އަލިއަޅުވާލާފައިވަނީ އެ މަޝްރޫއު ހިންގުން އަވަސްކޮށް، ވަގުތުން ޑެލިވަރީ ކުރެވޭނެ ގޮތްތައް ހޯދުމަށެވެ. މި ބައްދަލުވުމުގައި ފަންގް ވަނީ މިނިސްޓްރީގެ ގާތް އެއްބާރުލުން ފާހަގަކުރައްވައި، އައްޑޫ ސިޓީގެ އިޖްތިމާއީ އިގްތިސާދީ ތަރައްގީއާއި މަސްވެރިކަމުގެ ދާއިރާ އިތުރަށް ފުޅާކުރުމުގައި މި މަޝްރޫއުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
ދިވެހިރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށް އިތުރު ދުވެއްޔެއް ގެނައުމުގެ މަޤްޞަދުގައި، އައްޑޫ ސިޓީގައި މަސްވެރިކަމާއި ކަނޑުދަތުރުފަތުރުގެ ލޮޖިސްޓިކް ހަބެއް ޤާއިމުކުރުމުގެ މުހިންމު މަޝްރޫޢެއް ކުރިއަށް ގެންދިއުމަށްޓަކައި، ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ކޯޕަރޭޝަން (ސީ.އެމް.އީ.ސީ) އާއެކު ފަހުމުނާމާއެއްގައި ސަރުކާރުން ސޮއިކުރީ މިދިޔައަހަރުގެ ސެޕްޓެމްބަރު މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެތެރެއިންނެވެ. މި މަޝްރޫއުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމެވެ.
މި މަޝްރޫއަކީ އައްޑޫ ސިޓީގައި މަސްވެރިކަމުގެ ސިނާޢަތު ކުރިއެރުވުމަށް ބޭނުންވާ ޒަމާނީ ވަސީލަތްތަކާއި، ކަނޑުދަތުރުފަތުރުގެ ލޮޖިސްޓިކްސްގެ ޚިދުމަތްތައް ފުޅާކޮށް ތަރައްޤީކުރުމުގެ މަގްސަދުގައި ސަރުކާރުން ކުރިޔަށްގެނދަން ނިންމާފައިވާ މަޝްރޫއެކެވެ.. މީގެ ސަބަބުން ދެކުނުގެ އަތޮޅުތަކުގެ މަސްވެރިންނަށް ގިނަ ފަސޭހަތަކެއް ލިބި، މަސްވެރިކަމުން ލިބޭ އާމްދަނީ އިތުރުވެގެންދާނެކަމަށް ސަރުކާރުން އުންމީދުކުރެއެވެ.
މި ފަހުމުނާމާގެ ދަށުން، މި މަޝްރޫޢުގެ ތަފްސީލީ މާސްޓަރ ޕްލޭނާއި، މާލީ އަދި އިގުތިސާދީ ފައިދާގެ ދިރާސާތަކުގެ އިތުރުން، މަޝްރޫޢު ހިންގާނެ ވިޔަފާރި މޮޑެލްއާއި ފައިނޭންސްކުރެވޭނެ ގޮތްތަކާ ބެހޭގޮތުން ދެ ފަރާތުން ގުޅިގެން މަޝްވަރާކޮށް، ފުޅާ ދާއިރާއެއްގައި މަސައްކަތްކުރުމަށް އެއްބަސްވެފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފައި ވެއެވެ.
މި މަޝްރޫއަކީ، ރާއްޖޭގެ އިގުތިސާދީ ތަރައްގީއަށް މަގުފަހިކޮށްދޭނެ، އަދި ދެކުނުގެ މަސްވެރިކަމުގެ ސިނާއަތުގެ ތަރައްގީއަށް އައު ދޮރެއް ހުޅުވާލައިދޭނެ މުހިންމު މަޝްރޫއެކެވެ. އައްޑޫ ސިޓީގެ ލޮކޭޝަންއަކީ މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް އެންމެ އެކަށޭނެ އެއް ސަރަހައްދުކަމަށް ބެލެވެއެވެ.