މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ)ގެ އިންޖިނިއަރިންގ އެންޑް ޕްރޮޖެކްޓްސް ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖަރ މުޢާޒު އަލީ ވަޒީފާއިން ސަސްޕެންޑްކޮށްފިއެވެ.
މިފްކޯ އިން ބުނީ މުޢާޒު އަލީގެ މައްސަލަތަކެއް ދައުލަތުގެ އިދާރާތަކުން ބަލަމުންދާތީ އާއި އިދާރީގޮތުން ކުންފުނިން ތަޙްޤީޤު ކުރަމުންދާތީ، މިފްކޯގެ މުވައްޒަފުންނާބެހޭ ގަވާއިދުގެ ދަށުން، 30 ދުވަހުގެ މުއްދަތަށް އޭނާ ވަޒީފާއިން ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ. އަދި އެކުންފުނީގެ ވެރިންނާއި މުވައްޒަފުންނަށް އެކަން އެންގުމުގެ ގޮތުން އެކުންފުނީގެ ސީއީއޯ ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) ފަރުޙަތު ޝަހީރު ސޮއިކުރައްވައި މިއަދު މެމޯއެއް ނެރުއްވާފައިވާކަމަށް މިފްކޯއިން ބުނެފައި ވެއެވެ.
މިފްކޯއިން ބުނީ، މުއާޒްގެ ސަސްޕެންޝަނާއި ގުޅިގެން، ކުންފުނީގެ މަސައްކަތްތަކަށް ބުރޫނާރާނެކަން ކަށަވަރުކުރުމަށް އެޅި ފިޔަވަޅެއްގެގޮތުން އިންޖިނިއަރިންގ ޑިޕާޓްމަންޓުގެ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް، މެނޭޖަރ މުޙައްމަދު ޝަމީމާ ވަނީ ހަވާލުކޮށްފައިވާކަމަށެވެ. އަދި އިންޖިނިއަރިންގ ޔުނިޓް، ކޮންސަލްޓެންޓް އިންޖިނިއަރ ޢުބައިދުﷲ ޙުސައިންއާ ހަވާލުކޮށްފައިވާކަމަށް މިފްކޯއިން ބުނެފައި ވެއެވެ.
މިފްކޯއިން ބުނީ މުއާޒްގެ މައްސަލައަކީ ސީދާ އެކުންފުންޏާ ގުޅުން ނެތް މައްސަލައެއް ކަމުގައިވީނަމަވެސް، ޚާއްޞަކޮށް ކުންފުނީގެ ޒިންމާދާރު މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ ނަޒާހަތްތެރިކަމާ ގުޅުންހުރި މައްސަލަތަކަކީ މެނޭޖްމަންޓުން ވަރަށް ސީރިއަސްކޮށް ނަގާ މައްސަލަތަކެއްކަމަށެވެ. މިގޮތުން ކުންފުނީގެ އިތުބާރާއި ގަދަރު ހިފެހެއްޓުމަށްޓަކައި އާ ރޫޙެއްގައި ކުރަމުންދާ މަސައްކަތްތަކާއެކު އަޅަންޖެހޭ މިފަދަ ފިޔަވަޅުތައް އަޅަމުންދާނެ ކަމުގެ ޔަގީންކަން މިފްކޯއިން ވަނީ ރައްޔިތުންނަށް އަރުވާފައެވެ.
މިފްކޯއިން ބުނީ ރާއްޖޭގެ ގާނޫނުތަކާއި، ކޯޕަރޭޓް ގަވަރނެންސްގެ އުސޫލުތަކާއި، ކުންފުނީގެ ސިޔާސަތުތަކާއި އުސޫލުތަކާ އެއްގޮތަށް އަޅަންޖެހޭ ފިޔަވަޅުތައް ކުރިއަށް އޮތް ތަނުގައި ވެސް އަޅަމުންދާނެ ކަމަށެވެ.