ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް، ޗައިނާއިން އެހީތެރިކަން ފޯރުކޮށްދެވިދާނެގޮތްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި އެވެ.
މި މަޝްވަރާތައް ކުރިޔަށްދިޔައީ، ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގ ޝިއަންހުއާ، އިއްޔެ ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމްގެ އަރިހަށް ކުރެއްވި އިހްތިރާމްގެ ޒިޔާރަތުގެތެރެއިންނެވެ.
ފިޝަރީޒް މިނިސްޓްރީގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާ ކުރައްވާފައިވަނީ މަސްވެރިކަމުގެ ދާއިރާ ތަރައްގީކުރުމަށް ކުރެވިދާނެކަންތައްތަކާ ގުޅޭގޮތުންނެވެ. އެގޮތުން މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް ކުރިއަރާފައިވާ ޓެކްނޮލޮޖީ ބޭނުންކުރުން އިތުރުކުރުމާއި، ވަސީލަތްތައް ބިނާކުރުމަށް ކުރާ ހޭދަ އިތުރުކުރުމާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރައްވާފައިވެއެވެ.
މި ބައްދަލުވުމުގައި ސަފީރު ކޮންގް ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ތަރައްގީކުރުމަށް އެހީވެދިނުމުގައި ޗައިނާ އަބަދުވެސް އޮންނާނެކަމުގެ ޔަގީންކަން އަރުވާފައިވެއެވެ. އަދި، ރާއްޖޭގެ މަހާއި މަހުގެ އުފެއްދުންތައް ޗައިނާއަށް އެކްޕޯޓްކުރެވޭ މިންވަރު އިތުރުކުރުމަށް، ރާއްޖެއާއި ޗައިނާއާ ދެމެދު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން އޭގެ އެންމެ ފުރިހަމަގޮތުގައި ތަންފީޒްކުރުމަށް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް ސަފީރު އަލިއަޅުއްވާލައްވާފައި ވެއެވެ.
މި ބައްދަލުވުމުގައި ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވަނީ، ސަފީރު ކޮންގްގެ ސަފީރުކަމުގެ ދައުރުގައި ރާއްޖެއާއި ޗައިނާގެ ގުޅުން އިތުރަށް ބަދަހިވެ، އޭގެ މަންފާ ދެގައުމަށްވެސްްކުރާނެކަމުގެ ޔަގީންކަން އެބައޮތްކަަމަށް ވިދާޅުވެފަ އެވެ.