ދެމެހެއްޓެނިވި ތަރައްޤީ ހާސިލްކުރުމަށް ދުޅަހެޔޮ ކަނޑުތައް މުހިންމުކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ސްޕެއިންގެ ސިވިލްގައި މިހާރު ކުރިޔަށްދާ ފައިނޭންސިންގ ފޯ ޑިވެލޮޕްމަންޓްގެ ހަތަރުވަނަ ކޮންފަރެންސްގެ ހަވާސާގައި ބޭއްވި އިވެންޓެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
”ބްލެންޑެޑް ފައިނޭންސް އޮޕޮރޗުނިޓީސް ފޯރ މެރިން ބަޔޯޑައިވަރސިޓީ: ކޭސް ސްޓަޑީސް އޮން ކޮރަލް ރީފް އިންޝުއަރެންސް އެންޑް ބްލޫ އިކޮނޮމީ ފައިނޭންސިންގ.“ގެ ނަމުގައި ބޭއްވި މި އިވެންޓްގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ދެމެހެއްޓެނިވި ތަރައްޤީ ހާސިލްކުރުމަށް ދުޅަހެޔޮ ކަނޑުތައް މުހިންމުކަން ފާހަގަކުރައްވައި، އެކަން ހާސިލްކުރުމަށް ދެމެހެއްޓެނިވި ގޮތެއްގައި މި ކަމަށް އިންވެސްޓްކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އެގޮތުން ކަނޑުތައް ހިމާޔަތްކުރުމަށް ކުރަންޖެހޭ ޚަރަދު ފޫބެއްދުމަށްޓަކައި, ތަފާތު ފައިނޭންސިންގް މެކޭނިޒަމްސް ތަރައްޤީކުރުމަށް ރާއްޖެއިން މަސައްކަތްކުރާ ވާހަކަ ހިއްސާކުރެއްވިއެވެ. މީގެ ތެރޭގައި ބްލެންޑެޑް ފައިނޭންސިންގ ނިޒާމުތައް ހިމެނެއެވެ.
މި އިވެންޓްގައި، މިހާރު ރާއްޖޭގައި ބްލެންޑެޑް ފައިނޭންސް މެކޭނިޒަމްގެ ތެރެއިން ކުރިއަށްގެންދާ މުރަކައިގެ ނިޒާމުތައް އިންޝުއަރ ކުރުމާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފޯރުކޮށްދޭ އެހީތަކާ ގުޅޭ ދެ މަޝްރޫއާ ގުޅެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. މި މައުލޫމާތުތައް ހިއްސަކުރެއްވީ، ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރ އަލްފާޟިލާ ފާތިމަތު އަބްދުﷲ ކަމާލުއްދީން، ޔޫ.އެން.ޑީ.ޕީ. ގެ ޓެކްނިކަލް ސްޕެޝަލިސްޓް އިން ކްލައިމެޓް ފައިނޭންސް އެންޑް އިންވެސްޓްމަންޓް، މރ. ޗާރލްސް ޔޫ، ގްލޯބަލް ފަންޑް ފޯރ ކޮރަލް ރީފްސް (ޖީ.އެފް.ސީ.އާރް.) ގެ ޑެޕިއުޓީ ޑިރެކްޓަރ، މރ. ޔަބަނެކްސް ބަޓިސްޓަ އަދި އިނގިރޭސިވިލާތުގެ ފޮރިން، ކޮމަންވެލްތް، އެންޑް ޑިވެލޮޕްމަންޓް އޮފީސް (އެފް.ސީ.ޑީ.އޯ.) ގެ އިންޓަރނޭޝަނަލް ފައިނޭންސްގެ ޕޮލިސީ ލީޑް، މސ. ޖޯޖިއާ ރަސިސް އެކުލެވޭ ގޮތަށް ކުރިޔަށްގެންދިޔަ ޕެނަލް ޑިސްކަޝަންގައެވެ.
ޕެނަލްގެ ބައިވެރިންވަނީ ”ބްލެންޑެޑް ފައިނޭންސް“ ކުރިއެރުވުމަށް ބޭނުންވާ ވަސީލަތްތަކާއި ރެގިއުލޭޓަރީ ނިޒާމުތައް ތަރައްޤީކުރުމާއި ނޫ އިޤްތިޞާދަށް ބޭނުންވާ އިންވެސްޓްމަންޓްތައް ބައިނަލްއަޤްވާމީ އަދި ސަރަހައްދީ ފެންވަރުގައި ހޯދުމުގައި އެބޭފުޅުންގެ ތަޖްރިބާ ހިއްސާކޮށްދެއްވާފައެވެ. އަދި ބައިނަލްއަޤްވާމީ ހިންގުމުގެ ނިޒާމު ކުރިއެރުވުމަށް ބޭނުންކުރެވިދާނެ ތަފާތު އުކުޅުތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. މި ސައިޑް އިވެންޓް މެދުވެރިކޮށް މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވާ ނޭދެވޭ އަސަރުތައް އެންމެ ބޮޑަށް ތަހައްމަލްކުރަމުންދާ, އަދި މުއްސަނދި ކަނޑުތަކުގެ ވެރިންކަމުގައިވާ ދިވެހިރާއްޖެފަދަ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް މި އުނދަގޫތަކުން އަރައިގަތުމަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދޭނޭ އިތުރު މަގުތައް ހުޅުވިގެންދިޔައެވެ.