މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއާ ގުޅިގެން އުރީދޫން ކުރިޔަށްގެންދަން ހަމަޖެހިފައިވާ ”އުރީދޫ މަސްރޭސް 2025“ ގައި ރަޖިސްޓްރީ ކުރުމަށް ހުޅުވާލި ފުރުސަތު މިއަދަށް ހަމަވާނެއެވެ.
މަސް ރޭސް މިއަހަރު ދެރަށެއްގައި ބޭއްވުމަށް ރާވާފައިވާއިރު، ރޭސް ކުރިޔަށްގެންދަނީ އަންނަ މަހުގެ 22 ވަނަ ދުވަހު ކ. ހުރާގައި އަދި 29 ވަނަ ދުވަހު ށ. ފުނަދޫގަ އެވެ. ރޭހުގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 17 ވަނަ ދުވަހު ހުޅުވާލާފައިވާއިރު، ރަޖިސްޓްރީކުރަން ދިން މުއްދަތު މިރޭ 23:59ގެ ނިޔަލަށް ހަމަވާނެއެވެ.
މަސް ރޭހުގައި ބައިވެރިވާން ބޭނުންވާ ޓީމްތަކަށް އޮންލައިންކޮށް ރަޖިސްޓްރީ ކުރެވޭނެއެވެ. ޓީމެއްގައި ހިމެނޭނީ ކެޕްޓަނާއި، މެނޭޖަރު ހިމަނައިގެން 12 މެންބަރުންނެވެ. އަދި ކޮންމެ ސަރަހައްދަކުން އެންމެ ގިނަވެގެން 16 ޓީމަށް ވާދަކުރެވޭނެ އެވެ. 16 އަށްވުރެ ގިނައިން ރޭހަށް ޓީމްތައް ރެޖިސްޓާ ވެފައިވާ ނަމަ، ވާދަކުރާނެ ޓީމުތައް ހޮވާނީ ރަޖިސްޓްރީކުރި ޓީމްތަކުގެ މެދުގައި ގުރުއަތުލައިގެންކަމަށާއި، ނުހޮވޭ ޓީމުތަކަށް ފުލް ރިފަންޑް ލިބޭނެ ކަމަށް އުރީދޫއިން ބުނެފައި ވެއެވެ.
ރޭހުގެ އިނާމުތަކުގެ ގޮތުގައި ކޮންމެ ރަށަކުން ވެސް ޗެމްޕިއަންކަން ހޯދާ ޓީމަށް 25,000 ރުފިޔާ، ދެވަނަ އަށްދާ ޓީމަށް 10,000 ރުފިޔާ އަދި ތިންވަނަ އަށްދާ 5,000 ރުފިޔާގެ އިތުރުން އެންމެ މޮޅު އަންހެން އަދި ފިރިހެން މަސްވެރިޔާއަށް ވެސް ޚާއްސަ އިނާމެއް ދިނުމަށް އުރީދޫން އިއުލާނުކޮށްފައި ވެއެވެ.
2009 ވަނަ އަހަރުން ފެށިގެން އުރީދޫން ބާއްވަމުން އަންނަ މަސް ރޭހަކީ، ރާއްޖޭގެ މަސް ބޭނުމުގެ އެންމެ ބޮޑު ހަރަކާތެވެ. މިއީ، އާންމުންގެ މެދުގައި، ވަކިން ޚާއްސަކޮށް ފަރުމަސްވެރިންނާއި، މުނިފޫހި ފިލުވުމުގެގޮތުން މަސްވެރިކަންކުރާ ފަރާތްތަކުގެ އިތުބާރު ހޯދާފައިވާ މަގްބޫލު ރޭހެކެވެ. އަދި ރޭހަކަށް ވުރެ ބޮޑަށް މަސްވެރިކަމުގެ އުފާވެރިކަމުގެ ތެރެއިން އެއްބައިވަންތަކަމުގެ ރޫހު އާލާކުރުވާ އަދި މުޖުތަމައުތަކުގެ ހިތްތަކުން ޖާގަ ހޯދާފައިވާ ހަރަކާތެކެވެ.