މޫސުމާ ބެހޭ ގައުމީ އިދާރާއިން ފުވައްމުލައް ސިޓީއިން ފެށިގެން އައްޑޫ ސިޓީއާ ހަމަޔަށް މޫސުމީ ހުދު ސަމާލުނެރެފި އެވެ.
މިއަދުގެ މެންދުރު 01:00 އިން ފެށިގެން ހަވީރު 06:00 އާ ހަމަޔަށް ނެރުނު ހުދު ސަމާލުގައި ބުނެފައިވަނީ، އެ ސަރަހައްދަށް ގުގުރުމާއެކު ބޯކޮށްވާރޭ ވެހޭނެކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެކަމަށް ލަފާކޮށްފައި ވެއެވެ.
ކުރިޔަށްއޮތް 24 ގަޑީއިރަށް މޫސުން ކުރިޔަށް ލަފާކޮށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފައިވަނީ، މެންދުރުފަހު އެކިހިސާބަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ގުގުުރުން އެކަށީގެންވާކަމަށެވެ. ވައިޖެހޭނެކަމަށް ލަފާކޮށްފައިވަނީ، އިރުއުތުރާއި އިރުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކުރާގޮތުގައި މިއަދު ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެއެވެ. އަދި ރާޅު ނަގާނެކަމަށް ބެލެވެނީ 3-5 ފޫޓު އުސްމިނުގައެވެ.