ށ. ބިލެތްފަހީ މަސްވެރިންނަށް ކުރިމަތިވަމުން އަންނަ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށްޓަކައި ކުރެވިދާނެކަންތައްތަކާމެދު، ފިޝަރީޒް މިނިސްޓްރީއާއި ބިލެތްފަހި ކައުންސިލާ ދެމެދު މުހިންމު މަޝްވަރާތަކެއް ކޮށްފި އެވެ.
މި މަޝްވަރާތައް ކުރިޔަށްދިޔައީ، އިއްޔެ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްޠަލިބް ބިލެތްފަހީ ކައުންސިލާއެކު ބޭއްވެވި ބައްދަލުވުމެއްގައެވެ.
ފިޝަރީޒް މިނިސްޓްރީގެ އިސް ބައެއް ވެރިންވެސް ބައިވެރިވި މި ބައްދަލުވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާކުރެއްވީ ބިލެތްފަހީގެ މަސްވެރިންގެ ކަންބޮޑުވުންތަކަށް އެކަށީގެންވާ ހައްލުތައް ހޯދައިދިނުމާ ބެހޭ ގޮތުންނެވެ. އެގޮތުން، ބިލެތްފަހި ކައުންސިލުން އެދިފައިވާގޮތަށް އެރަށުގައި ވަދުކަނދުފަތި ގާއިމްކުރުން އަވަސްކުރުމާއި، ފަރުމަހުގެ މަސްވެރިންނަށް ފަސޭހައިން އައިސްލިބޭނެ އިންތިޒާމެއް ހަމަޖެއްސުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައި ވެއެވެ.
މި ބައްދަލުވުމުގައި ކައުންސިލުން ވަނީ، ބިލެތްފަހީގެ މަސްވެރިކަމުގެ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ތަފުސީލުތައް މިނިސްޓްރީއާ ހިއްސާކޮށްފައެވެ. އަދި މިނިސްޓްރީންވެސް ވަނީ މިނިސްޓްރީން ކުރިޔަށްގެންދާ އެކި މަސައްކަތްތަކާ ބެހޭ މައުލޫމާތު ކައުންސިލާ ހިއްސާކޮށްފައެވެ.