މިއަހަރުގެ ނޮވެމްބަރު މަހު، ކަށިމިޔަރުގެ މަސްވެރިކަމަށް އަލުން ހުޅުވާލައްވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ތިލަދުންމަތީ ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، ކުޅުދުއްފުށީގައި މީގެ ކުރިން ކަށިމިޔަރުގެ މަސްވެރިކަމުން ބޮޑު އާމްދަނީއެއް ހޯދަމުންދިޔަކަން ފާހަގަކުރައްވައި، އެކަން އަލުން ފެށުމަށްޓަކައި، އެކަމާ ގުޅުންހުރި ޤަވާއިދުތައް މުރާޖާ ކުރުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ކުރަމުންދާކަމަށް ވިދާޅުވިއެވެ. އަދި، ކަނޑައަޅާފައިވާ މެނޭޖްމަންޓް ޕްލޭންގެ ދަށުން ކަށިމިޔަރު މަސްވެރިކަން އަލުން ހުޅުވާލައްވަން ނިންމަވާފައިވާކަން އިއުލާނުކުރައްވައި، ކަށިމިޔަރު މަސްވެރިކަމަށް މަސްވެރީން ތައްޔާރުވުމަށް ރައީސް ގޮވާލެއްވިއެވެ.












