މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ) އިން ކަޅުބިލަ މަސް ގަންނަ އަގު މަތިކޮށްފިއެވެ.
މިފްކޯއިން މިއަދު ބުނީ، އެކުންފުނީގެ ހުރިހާ ސެންޓަރުތަކުންނާއި ބޯޓުފަހަރުން މިއަދު މަސް ގަންނާނީ 18.50 އަށް ކަމަށެވެ.
މިފްކޯގެ، ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް، ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް، އައްޑޫ ފިޝަރީޒް ކޮމްޕެލެކްސްގެ އިތުރުން ގދ. ތިނަދޫ، ގދ.ފަރެސް މާތޮޑާ، ގދ. ގައްދޫ، ފުވައްމުލައް ސިޓީ އަދި ހއ އިހަވަންދޫ ބަނދަރުން މިއަދު މަސް މިއަގުގައި މަސް ގަންނާނެއެވެ.
މިފްކޯއިން މިދިޔަ އަހަރުގެ ފަހުކޮޅުވެސް 18.50 އަށް މަސް ގަތެވެ. އެެހެންނަމަވެސް މެދުއިރުމަތީގެ ހަނގުރާމައާއި ގުޅިގެން ތެޔޮ އަގުބޮޑުވެ، މިފްކޯގެ އޮޕަރޭޝަނަށް އޭގެ ނޭދެވޭ އަސަރުކުރުމާއި ގުޅިގެން މަސް ގަަންނަ އަގު ދަށްކުރިއެވެ. އެފަހުން ގަންނަމުން އައިސްފައިވަނީ 17 ރުފިޔާއަށް ކިލޯއެއްގެ ރޭޓުންނެވެ.
އެހެންނަމަވެސް މިއަދު މިވަނީ، މިފްކޯއިން ޕްރައިވެޓް ކުންފުނިތަކާއި މާކެޓް އަގު އެއްވަރުކޮށްފައެވެ. މިއީ، މިފަދަ އެންވެރިކަން ތަދު ދުވަސްވަރެއްގައި ކަނޑަށް ނިކުންނަން ލިބިގެން ދިޔަ އިތުރު ހިތްވަރެއްކަމަށް ކެޔޮޅުން ބުންޏެވެ. އަދި މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މަސްވެރިންގެ އަޑު އައްސަވާ މަސްވެރިންނަށް ހެޔޮ ގޮތްތަކެއް ހޯއްދަވައިދެއްވަން ކުރައްވާ މަސައްކަތުގެ ހެއްކެއްކަން ކެޔޮޅުން ފާހަގަކުރެއެވެ.
މިފްކޯއިން ކަޅުބިލަމަސް ގަންނަ އަގު މަތިކުރިނަމަވެސް، ކަންނެލި މަސް ގަންނަ އަގުހުރީ އެއްވަރެއްގައި ހިފަހައްޓާފައެވެ. މިގޮތުން 10-15 ކިލޯގެ ކަންނެލި ކިލޯއެއް 20 ރުފިޔާއަށް އަދި 15 ކިލޯއިން މަތީގެ ކަންނެލި ކިލޯއެއް ގަންނަނީ 25 ރުފިޔާއަށެވެ.