ޒުވާނުންގެ މެދުގައި މަސްވެރިކަމަށް ޝައުގުވެރިކަން އުފައްދާ މަސްވެރިކަމުގެ ދާއިރާއަށް ޒުވާނުން ނެރުމަށް ފިޝަރީޒް މިނިސްޓްރީން ކުރިޔަށްގެންދަން ނިންމާފައިވާ ތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކައް، ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މިއީ، މި ޕްރޮގްރާމްގައި ބައިވެރުވުމަށް ހުޅުވާލި ތިންވަނަ ފަހަރެވެ. މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު މިނިސްޓްރީން ފުރަތަމަ ހުޅުވާލީ މިދިޔަ އޯގަސްޓް މަހުގެ 16 އިން 27 އޮގަސްޓްގެ ނިޔަލަށެވެ. އަދި އޭގެފަހުން ސެޕްޓެންބަރު 2-17އަށްވެސް ހުޅުވާލިއެވެ. ޕްރޮގްރާމްގައި ރަޖިސްޓްރީވުމަށް އަލުން ހުޅުވާލީ ކޮންސަބަބަކާހުރެކަމެއް ފިޝަރީޒް މިނިސްޓްރީން ބުނެފައެއް ނުވެއެވެ.
ފިޝަރީޒް މިނިސްޓްރީން ގެޒެޓްގައި އާންމުކުރި އިއުލާނެއްގައި ބުނެފައިވަނީ، މި ތަމްރީނު ޕްރޮގްރާމް ގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން، މިކަމާގުޅޭ ފޯމް ފުރިހަމަކުރެއްވުމަށްފަހު 23 އޮކްޓޯބަރ 2025 ގެކުރިން އެމިނިސްޓްރީއަށް އީމެއިލް މެދުވެރިކޮށް ހުށަހަޅަންއެދޭކަމަށެވެ. ފެކްސް ކުރާނަމަ ކުރާނީ 3326558 ނަންބަރަށްކަމަށާއި، އީމެއިލް ކުރައްވާ ފަރާތްތަކުން maryam.ruva@fisheries.gov.mv ނުވަތަ ahsan.mohamed@fisheries.gov.mv އަށް ފޮނުވުމަށްވެސް މިނިސްޓްރީން އެދިފައި ވެއެވެ.
ތިން މަސް ދުވަހަށް ކުރިއަށް ގެންދަން ނިންމާފައިވާ މި ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވެވެނީ މަސްވެރިކަމަށް އަލަށް ނިކުންނަން ބޭނުންވާ 5 ޒުވާނަކަށެވެ. މިތަމްރީނު ޕްރޮގްރާމްގެ މުއްދަތުގައި، ބައިވެރިންނަށް ދުވަހު އެލަވަންސެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އިތުރު މަޢުލޫމާތު ބޭނުންނަމަ ނަންބަރު 3339276 ފޯނާ ގުޅާލުމަށް މިނިސްޓްރީން އެދިފައިވެއެވެ.
ވާލްޑު ބޭންކު ގެ އެހީގައި ކުރިއަށްގެންދާ ޓްރާންސްފޯމިންގ ފިޝަރީޒް ސެކްޓަރ އިން ސައުތު-ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓުގެ ދަށުން ހިންގަން ހަމަޖެހިފައިވާ މި ތަމްރީން ޕްރޮގްރާމަކީ، ޒުވާނުންގެ މެދުގައި މަސްވެރިކަމަށް ޝައުޤުވެރިކަން އުފައްދައި، މަސްވެރިކަމާއި މަސްވެރިކަމުގެ ދާއިރާއާ ގުޅޭ މަސައްކަތްތަކަށް ޒުވާނުން ނެރުމަށް ކަމާއިގުޅޭ ތަމްރީނާއި ހުނަރު ހޯދުމުގެ ފުރުޞަތު ޒުވާނުންނަށް ފަހި ކޮށްދިނުމުގެ ގޮތުން ހިންގޭ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްގައި މަސްވެރިކަމާއި ބެހޭ ފަންނީ މަޢުލޫމާތު ދިނުމުގެ އިތުރުން އަމަލީ ގޮތުން މަސްވެރިކަމުގައި ހަރަކާތްތެރިވުމުގެ ފުރުޞަތު ޕްރޮގްރާމުގެ ބައިވެރިންނަށް ލިބިގެންދާނެއެވެ. އެގޮތުން، ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ އުޅަނދުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ދޮށީގެ މަސްވެރިކަން ކުރާ އުޅަނދެއްގައި ޢަމަލީގޮތުން މަސްވެރިކަމުގައި ހަރަކާތްތެރިވެ މަސްވެރިކަން ކުރާ ގޮތުގެ ތަމްރީނާއި ހުނަރު ރާއްޖޭގެ އެންމެ ފުންނާބުއުސް ކެޔޮޅުންގެ ފަރާތުން މި ޕްރޮގްރާމްގެ ބައިވެރިންނަށް ލިބިގެންދާނެކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފައިވެއެވެ.