ށ. ކޮމަންޑޫގައި އައިސްޕްލާންޓާއި އައިސް ސްޓޯރޭޖް ފެސިލިޓީ ޤާއިމްކުރުމުގެ މަސައްކަތް އެތިއޮން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފި އެވެ.
މި މަސައްކަތް ހަވާލުކުރުމަށް އެކުންފުންޏާއެކު ވެވުނު އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އެވެ. އަދި އެތިއޮން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސޮއިކުރެއްވީ، އެކުންފުނީގެ އެގްޒެކެޓިވް ޑިރެކްޓަރ ކިޔާާޝަތު ޢަބްދުﷲއެވެ.
ށ.ކޮމަންޑޫގައި ގާއިމުކުރަނީ 30 ޓަނުގެ އައިސްޕްލާންޓަކާއި 50 ޓަނުގެ އައިސް ސްޓޯރޭޖް ފެސިލިޓީއެކެވެ.
ކޮމަންޑޫ ގައި ޤާއިމްކުރާ އައިސް ޕްލާންޓުގެ މަސައްކަތް އެތިއޮން ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރުމަށް ސޮއިކުރީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިލަދުންމަޑުލު އުތުރުބުރީގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކޮމަންޑޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. އެ ރަސްމިއްޔާތުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، އައިސްޕްލާންޓައި ކޯލްޑް ސޮޓޯރޭޖް ފެސިލިޓީ ގާއިމްކުރުމުގެ މަސައްކަތްތައް ކާމިޔާބުކަމާއެކު އަވަހަށް ނިންމައިދެއްވާނެކަމުގެ ޔަގީންކަން ވަނީ ދެއްވާފައެވެ. އެމަނިކުފާނު ވިދާޅުވީ މިފަދަ މަޝްރޫއުތައް ކުރިއަށް ގެންދަނީ މަސްވެރިކަމުގެ ސިނާއަތް އަލުން ނަގާ ކޮޅަށް ޖެހުމަށް ކަމަށެވެ. މިއިން ކޮންމެ މަސައްކަތަކީވެސް މަސްވެރިންނަށް އެތައްގޮތަކުން ލުއި ފަސޭހަތަކެއް ލިބިގެންދާނެ މަޝްރޫއުތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ސަރުކާރުގެ އަމާޒަކީ، ރާއްޖޭގެ އެކި ރަށްރަށުގައި ގާއިމު ކުރާ އައިސްޕްލާންޓުތައް ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ކަމަށް ސަރުކާރުން މީގެ ކުރިން ހާމަކޮށްފައި ވެއެވެ.