މިއަހަރުގެ އަޟްޙާ ޢީދު ފާހަގަކުރުމަށް މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލް އިދާރާ ހިންގަން ރާވާފައިވާ ޙަރަކާތްތަކުގެ ތެރޭގައި ހިމެނޭ މަސްރޭހުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
މިމަސް ރޭހުގައި ބައިވެރިވާން ބޭނުންވާ ޓީމްތަކަށް ނަން ނޯޓްކުރުމަށް ކައުންސިލުން ކުރިން ދިން މުއްދަތު ވަނީ 07 މެއި 2026 އަށް ހަމަވެފައެވެ. ނަމަވެސް ގިނަ ފަރާތްތަކަކުން މަސްރޭހުގައި ބައިވެރިވުމަށް އެދެމުންދާތީ، ވީހާވެސް ގިނަ ބަޔަކަށް ޢީދުގެ އުފަލުގައި ބައިވެރިވުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން މަސްރޭހުގައި ބައިވެރިވުމުގެ މުއްދަތު 20 މެއި 2026 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް މިހާރު އިތުރުކޮށްފައިވާކަމަށް ކައުންސިލުން ބުންޏެވެ. މަސް ރޭހުގައި ބައިވެރިވާން އެދޭ ފަރާތްތަކުން މާދަމާ 14:00 ގެ ކުރިން ބައިވެރިވުމަށްއެދޭ ފޯމް ކައުންސިލް އިދާރާއަށް ހުށަހަޅަން ޖެހެއެވެ. މި މަސްރޭސް ބޭއްވުމަށް ހަމަޖެހިފައިވަނީ 29 މެއި 2026 ވާ ހުކުރު ދުވަހުއެވެ. ރޭހުގެ ވަނަ ވަނައަށް އަންނަ ޓީމްތައް ހޮވާނީ ކައުންސިލުން އެކުލަވާލާފައިވާ ޖަޖުންގެ ޕެނެލްކުންނެވެ. އަދި ވަނަ ކަނޑައަޅަނީ ކޮންމެ ޓީމަކުން ބާނާ މަހުގެ ބަރުދަނަށް ބަލައިގެންނެވެ.











