މާލެ ސިޓީގެ ލޯކަލް މާރުކޭޓް ހުރިތަނުގައި ގާއިމުކުރަން ސަރުކާރުން ނިންމާފައިވާ މަސް މާރުކޭޓަކީ، ޖަޕާނުގެ ހިލޭ އެހީގެ ދަށުން ހިންގާނެ މަޝްރޫއެއްގެ ގޮތުގައި ކަނޑައަޅައި، އެކަމަށް މަގުފަހިކުރުމުގެ މަސައްކަތްކުރަމުން އަންނަކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މާލޭ ސިޓީގެ، ހެންވޭރު ރައްޔިތުންނާއެކު ރޭ ބޭއްވެވި މަޝްވަރާ ބައްދަލު ކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ ބައްދަލުވުމުގައި މާލޭގެ މާރުކޭޓުތައް އަލުން އިމާރާތް ކުރެއްވުމުގެ މަސައްކަތް ކުރައްވާނޭ ކަން ހާމަކުރައްވައި ރައީސް ވިދާޅުވީ، ލޯކަލް މާރުކޭޓު ހުރި ތަނުގައި ޒަމާނީ ފެންވަރުގެ މަސްމާރުކޭޓަކާއި ތަރުކާރީ މާރުކޭޓެއް ހިމެނޭހެން މިކްސްޑް ޔޫސް މާރުކޭޓެއް ތަރައްގީކުރަން ނިންމަވާފައިވާކަމަށެވެ. އަދި، އެ މަޝްރޫއަކީ ޖަޕާނު ސަރުކާރުގެ ހިލޭ އެހީގައި ހިންގާ މަޝްރޫއެއްގެގޮތުގައި ކަނޑައެޅުމަށްޓަކައި ޖަޕާނު ސަރުކާރާއެކު މަޝްވަރާކުރެވި މަސައްކަތްތަކެއް ފެށިފައިވާކަމަށާއި، އެ މަޝްރޫއުގެ މަސައްކަތް ފެށުމަށްޓަކައި ޖަޕާނުގެ ފަންނީ ޓީމެއް ވަރަށް އަވަހަށް ރާއްޖެ އަންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ލޯކަލް މަސްމާރުކާޓު މިހާރު ހުރި ސަރަހައްދުގައި މަސްވެރި ސިނާއަތުގެ ޚާއްޞަ އޮފީސް އިމާރާތެއް ތަރައްޤީ ކުރެއްވުމަށް ރާއްވަވަމުން ގެންދަވާކަމަށެވެ. އެގޮތުން، އެތަނުގައި މަސްވެރި ވިޔަފާރިކުރާ ކުންފުނިތކަށާއި، މަސްވެރި ޖަމްއިއްޔާތަކުގެ އޮފީސްތަކަށް ޖާގަ ލިބިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.












