ޅ. ނައިފަރުގައި އައިސް ޕްލާންޓަކާއި، ކޯލްޑް ސްޓޯރޭޖެއް ގާއިމުކުރުމަށް ބޭނުންވާ އެންވަޔަރަންމެންޓަލް އިމްޕެކްޓް އެސެސްމެންޓް (އީ.އައި.އޭ) ހެދުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުުރުސަތު ހުޅުވާލައިފިއެވެ.
ސަރުކާރުގެ ފަރާތުން، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ)އާ ހަވާލުކޮށްގެން ކުރިޔަށްގެންދާ މި މަޝްރޫއުގެ ދަށުން ނައިފަރުގައި 60 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއެކު، 40 ޓަނުގެ ސީވޯޓަރ ޓިއުބް އައިސް ޕްލާންޓެއް ގާއިމުކުރުމަށް ހަމަޖެހިފައިވެއެވެ. މި މަޝްރޫއަށް ބޭނުންވާ ތިމާވެއްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް (އީ.އައި.އޭ) ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް މިފްކޯއިން މިއަދު ވަނީ އާންމުކޮށް އިއުލާނުކޮށްފައެވެ. މި މަސައްކަތަށް ޝައުޤުވެރިވާ، ޝަރުތުހަމަވާ ފަރާތްތަކުން އަންދާސީ ހިސާބު ނުވަތަ ހުށަހެޅުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ. މަސައްކަތުގެ ޓާމްސް އޮފް ރިފަރެންސް އިއުލާނާއެކު އެއްކަރުދާސްކޮށްފައި ވެއެވެ.
އިއުލާނުގައި ވާގޮތުންނަމަ، ބިޑް ނުވަތަ ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ 15 މާޗް 2026 ވަނަ ދުވަހުގެ 10:00 އެވެ. ބިޑް ހުށަހަޅަންވާނީ ހަމައެކަނި contract@mifco.mv އީމެއިލް އެޑްރެހަށްކަމަށާއި، އެހެން އެއްވެސް އީމެއިލް އެޑްރެހަކަށް ފޮނުވާ ނުވަތަ ސީ.ސީ (CC) ކޮށްފައިވާ ބިޑްތައް ބާތިލުކުރުމުގެ އިޚްތިޔާރު މިފްކޯއަށް ލިބިގެންވާކަމަށް އިއުލާނުގައި ބުނެފައި ވެއެވެ.












