ރޭގެ ނިޔަލަށް މާލެ ސަރަހައްދުން %53.5 ގޭބިސީއަކަށް ރޯދަ ހަދިޔާ ދޫކޮށްފައިވާކަމަށް ސިޓީތަކާއި އިދާރީ ދާއިރަތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ބުނެފިއެެވެ.
އެ ވުޒާރާއިން ބުނީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް 1447 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާންމަހަށް ކޮންމެ ގޭބިސީއަކަށް ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސްތަކުގެ ތެރެއިން ގްރޭޓަރ މާލެ ސަރަޙައްދުގެ ގޭބިސީތަކަށް ރޭގެ ނިޔަލަށް 35،132 މަސްދަޅު ކޭސް، ގޭބިސީތަކަށް ދޫކޮށްފައިވާކަމަށެވެ. އެއީ، މާލެ، ވިލިނގިލި، އަދި ހުޅުމާލޭގެ ގޭބިސީތައް ހިމެނޭގޮތުން %53.5 ގޭބިސީއެވެ.
ގްރޭޓަރ މާލެ ސަރަޙައްދުގައި ރަޖިސްޓްރީ ކުރެވިފައި ހިމވާ ޑޮމެސްޓިކް މީޓަރުތަކުގެ އަދަދަކީ 65،230 އެވެ. މަސްދަޅު ދޫކުރަނީ ކޮންމެ ޑޮމެސްޓިކް މީޓަރަކީ ގޭބިސީއެއް ކަމަށް ބަލައިގެންނެވެ. ރޭ އެންމެ ގިނައިން މަސްދަޅު ކޭސްތައް ދޫކޮށްފައިވަނީ ގަލޮޅު ދަނޑުގައި ގާއިމުކޮށްފައިވާ މަރުކަޒުތަކުންނެވެ. ގަލޮޅު ދަނޑުގައި 4 މަރުކަޒަކުން ރޭ އެކަނިވެސް 500 އަށްވުރެ ގިނަ މަސްދަޅު ކޭސް ދޫކޮށްފައިވެއެވެ.
މީގެ އިތުރުން ހުރިހާ ރަށަކަށް ކަހަލަ ގޮތަކަށް މަސްދަޅު ކޭސްތައް މިހާރު ވަނީ ފޮނުވާފައިވާކަމަށާއި، ރަށްރަށުގައި މަސްދަޅު ކޭސްތައް ބެހުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އެ ރަށެއްގެ ކައުންސިލުންކަމަށް، ސިޓީތަކާއި އިދާރީ ދާއިރަތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ބުނެފައި ވެއެވެ.
ރޯދަ ހަދިޔާގެ ގޮތުގައި ދޭ މަސްދަޅު ކޭސްތައް ބެހުމުގެ މަސައްކަތް މިނިސްޓްރީއާއި، ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތައް ގުޅިގެން ފެށީ ހުސްވި ޖަނަވަރީ މަހުގެ 24 ވަނަ ދުވަހުގެ ރެއެވެ. މާލެ ސަރަހައްދުގައި މަސްދަޅު ކޭސްތައް ދޫކުރަމުންދާނީ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ހުކުރުދުވަސް ފިޔަވައި ކޮންމެ ރެޔަކު 8:30 އިން 11:00 އަށެވެ. މަސްދަޅު ކޭސް ނެގޭނީ https://roadhahadhiya.mv/dv ޕޯޓަލް މެދުވެރިކޮށް ޓޯކެން ނަގައިގެންނެވެ.