މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ސްޕޯޓްސް ފިޝިން މުބާރާތް ކަމަށްވާ ”ބުރުނު ބޮމަ“ގެ ދެވަނަ ދުވަސް ނިމުނު އިރު، އެންމެ ކުރީގައި އޮތީ، ޓީމު ދުބާއީ ކަމުގައި ވިޒިޓް މޯލްޑިވްސް ކުލަބުން ހާމަކޮށްފިއެވެ.
ބައިނަލްއަޤުވާމީ ފަރާތްތަކަށްވެސް ހުޅުވާލައިގެން، ހުކުރު ދުވަހު ފެށި ބުރުނު ބޮމަ، ސްޕޯޓްސް ފިޝިންގ މުބާރާތުގައި ޖުމުލަ 9 ޓީމް ބައިވެރިވިއެވެ. ވިޒިޓް މޯލްޑިވްސް ކުލަބުން މައުލޫމާތު ދިން ގޮތުގައި އިއްޔެ އިރު އޮއްސުނު އިރު ހުރިހާ ޓީމުތަކުންވެސް ވަނީ އެޓީމުތަކުން ކަނޑައެޅި ޓާގެޓްތައް ޙާސިލްކޮށްފައެވެ. މުބާރާތުގައި ޓީމުތަކުން ވަނީ ރާއްޖޭގެ ކަނޑުތަކުން ބާނާ އެންމެ ބޮޑެތި މަސްތަކުގެ ތެރޭހައި ހިމެނޭ ހިބަރުގެ އެކި ބާވަތްތައް ބާނާފައެވެ. އޭގެ ތެރޭގައި ކަނޑި ހިނބަރާއި ފަންގަނޑު ހިބަރާއި މަސްހިބަރުވެސް ހިމެނެއެވެ. އިއްޔެއާ ހަމައަށް 6150 ޕޮއިންޓާއި އެކު އެންމެ ކުރީގައި އޮތީ ޓީމު ދުބާއީއެވެ، 3000 ޕޮއިންޓާއި އެކު ދެވަނައިގައި އިފުރު އޮތް އިރު، ނުވަ ޓީމުގެ ތެރެއިން އެންމެ ފުލުގައި އޮތީ 150 ޕޮއިންޓާއި އެކު ކެޕްޓަން ބޯޓްސް ކްލަބެވެ.












