ދިވެހި ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ތަރައްގީކުރުމުގައި އެހީތެރިވުމަށް، އިސްތިރާޖީ ބައިވެރިއަކަށް ވުމުގެ ޝައުގުވެރިކަން އިނގިރޭސި ވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ނިކޮލަސް ޑެވިޑް ލޯވ ފާޅުކުރައްވައިފި އެވެ.
އެމަނިކުފާނު މިކަމުގެ ޝައުގުވެރިކަން ފާޅުކުރެއްވީ އިއްޔެ ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމްގެ އަރިހަށް ކުރެއްވި އިހްތިރާމްގެ ޒިޔާރަތުގައި ދޭބޭފުޅުން ކުރެއްވި މަޝްވަރާގެތެރެއިންނެވެ.
ފިޝަރީޒް މިނިސްޓްރީގެ ބައެއް އިސްވެރިން ބައިވެރި ވަޑައިގެންނެވި މި މަޝްވަރާގައި އިނގިރޭސި ސަފީރު ވަނީ، އިނގިރޭސިވިލާތުގެ ސަރުކާރުން އިސްކަންދޭ ކަންކަމަށް އަލިއަޅުވާލައްވައި މަސްވެރިކަމުގެ ދާއިރާ ތަރައްގީ ކުރުމަށް އެހީތެރިވުމަށް އިސްތިރާޖީ ބައިވެރިއަކަށް ވުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ. އަދި މިހާރު ދެގައުމުގެ ދެމެދު ޤާއިމުކޮށްފައިވާ ’ވޯކިންގ ގްރޫޕް’ގެ މުހިންމުކަމަށްވެސް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.
މި ބައްދަލުވުމުގައި އެއްބާރުލުން ދިނުމަށް މުހިންމު ކަންތައްތަކާމެދު މަޝްވަރާކުރައްވާފައިވާއިރު، އޭގެތެރޭގައި ފްރީ ޓްރޭޑް އެގްރީމަންޓެއް (އެފްޓީއޭ) ގެ ތެރެއިން އެއްބާރުލުން ދެވިދާނެ ކަންތައްތަކާއި، ސްކޮލަޝިޕް ފުރުސަތުތަކާއި، އިނގިރޭސިވިލާތަށް ކަނޑުމަސް އެކްސްޕޯޓް ކުރުމާއި، ކުރިއަށް އޮތް އޯޝަން ކްލައިމެޓް ޕާޓްނަޝިޕް ޕްރޮގްރާމް (އޯސީޕީޕީ) ވޯކްޝޮޕް އަދި މެރިޓައިމް ސެކިއުރިޓީ އިނިޝިއޭޓިވްސް ހިމެނެ އެވެ.