މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ)ގެ ޕްރޮޑަކްޝަން ފެސިލިޓީއެއްގެ ގޮތުގައި ހިންގަމުންދިޔަ ކ. ކަނޑުއޮތްގިރި ފިޝް ވިލެޖު، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސް(އެމްއެންޑީއެފް)އާ ހަވާލުކުރަން ލިބިފައިވާ މުއްދަތުގެތެރޭގައި ހަވާލުކޮށް ނިންމާލެވޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށް އެކުންފުނިން ބުނެފި އެވެ.
ކަނޑުއޮތްގިރި އެމްއެންޑީއެފާ ހަވާލުކުރަން ސަރުކާރުން ނިންމީ، މިދިޔަ އޯގަސްޓް މަހުގެ 4 ވަނަ ދުވަހު އެވެ. އެއާއެކު ސެޕްޓެމްބަރުމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އެރަށް ހުސްކޮށް އެމްއެންޑީއެފްއާ ހަވާލުކުރަން މުހުލަތެއް މިފްކޯއަށް ދިނެވެ. އެހެންކަމުން، ވަގުތީ ގޮތުން ކަނޑުއޮތްގިރީގެ އޮޕަރޭޝަން ޅ. ފެލިވަރަށް ބަދަލުކުރުމަށް މިފްކޯއިން ކުރި މަސައްކަތުން އެދީފައިވާ މުހުލަތުގައި، އެމަސައްކަތް ނުވާނެކަމަށް ބަލަައި މިފްކޯއިން އިތުރު މުއްދަތަކަށް އެމްއެންޑީއެފްގައި އެދުނެވެ.
މިފްކޯއިން އިތުރު މުއްދަތަކަށް އެދުނީ، ޕްރޮޑަކްޝަނަށް ބޭނުންވާ ސާމާނު އެރަށުން ބޭލުމުގެ މަސައްކަތްކުރިޔަށްދިޔައިރު، އޭގެ ތެރޭގައި ހެވީ ޑިއުޓީ އިކުއިޕްމެންޓް ހިމެނޭތީ ލޭންޑިންގ ކްރާފްޓާއި ކްރޭން ބޭނުންކޮށްގެން ކުރިއަށް ގެންދަންޖެހޭ މަސައްކަތަކަށް ހުރުމުން ލަސްކަމެއް އައިސްދާނެކަމަށް ބެލުމަށްފަހުގައެވެ. މިފްކޯގެ މި އެދުމުގެ މަތިން މިމަހުގެ 15 ގެ ނިޔަލަށް އެމްއެންޑީއެފްއިން ވަގުތު އިތުރުކޮށްދީފައި ވެއެވެ. މިފްކޯއިން ބުނީ މިހާރު އެކުންފުނީގެ ހުރިހައި މުދަލެއް އެތަނުން ބާލާފައިވާ ކަމަށާއި، މިހާރު ހުރީ ކުދި ކުދި މަސައްކަތް ކަަމަށެވެ.












