ލ. ހިތަދޫގައި އައިސްޕްލާންޓެއް ގާއިމުކުރުމުގެ މަސައްކަތް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ) އާ ހަވާލުކޮށްފި އެވެ.
މި މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން މިފްކޯއާއެކު އެއްބަސްވުމުގައި ސޮއިކުރީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ލ އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ހިތަދޫއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ.
މި އެއްބަސްވުމުގައި ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަހުމަދު ޝިޔާމްއެވެ. އަދި މިފްކޯގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޕްރޮޖެކްޓު ޔުނިޓްގެ މެނޭޖަރ މުހައްމަދު ޝަމީމްއެވެ.
ހިތަދޫގައި ގާއިމް ކުރާ އައިސްޕްލާންޓްގެ މަސައްކަތް ނިންމައި އޮޕަރޭޝަނަށް ގެނެވުމާއެކު، ހިތަދޫއާއި، ލ. އަތޮޅާއި އަދި އެ ސަރަހައްދުގެ މަސްވެރިންނަށް ވަރަށްބޮޑު ލުއިފަސޭހައެއް ލިބިގެންދާނެއެވެ. އަދި ވަކިން ހާއްސަކޮށް މި ސަރަހައްދުގައި ފަރުމަހުގެ މަސްވެރިކަން ކުރާ ފަރާތްތަކަށްވެސް މިކަމުގެ މަންފާކުރާނެއެވެ.
ހިތަދޫގައި އައިސްޕްލާންޓެއް ގާއިމުކުރުމަކީ، ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދުފުޅެކެވެ.