ރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު މަސްވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކޮށް، ފަންނީ ހުނަރާއި ތަޖުރިބާ ހިއްސާކުރުމާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފިއެވެ.
މި މަޝްވަރާތައް ކުރައްވާފައިވަނީ، ބަންގްލަދޭޝްއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރު ޑރ. މުޙައްމަދު ނަޒްމުލް އިސްލާމް، މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމްގެ އަރިހަށް އިއްޔެ ކުރެއްވި އިޙުތިރާމުގެ ޒިޔާރަތުގައި ބޭއްވެވި ބައްދަލުކުރެއްވުމެއްގައެވެ.
މި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުންނާއި، ޚާއްޞަކޮށް މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން ޢިލްމާއި ތަޖުރިބާ ބަދަލުކުރުމާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި ދެބޭފުޅުން މަޝްވަރާކުރެއްވިކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުނެފައި ވެއެވެ.
މީގެއިތުރުން، މި މުހިންމު ދާއިރާތަކުން ފަންނީ ޤާބިލުކަން އިތުރުކުރުމާއި، ދެމެހެއްޓެނިވި ގޮތެއްގައި މި ސިނާޢަތްތައް ކުރިއެރުވުމަށް ދެ ޤައުމު ގުޅިގެން މަސައްކަތް ކުރެވިދާނެ ފުރުޞަތުތަކާ ބެހޭގޮތުންވެސް ދެބޭފުޅުން ވާހަކަފުޅު ދެއްކެވިކަމަށް އެ ވުޒާރާއިން ބުނެފައި ވެއެވެ.