މާލެ ފިޔަވައި މީހުން ދިރިއުޅޭ ރަށެއްގައި ހުޅުވި ފުރަތަމަ ހައިޕަރބެރެކް މެޑިކަލް ޚިދުމަތްދޭ ސެންޓަރު ހުޅުވައިފިއެވެ.
ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލުގެ ގޮތްޕެއް ކަމުގައިވާ ސެނަހިޔަ ހައިޕަރބެރިކް ސެންޓަރ، ގާއިމުކޮށްފައިވަނީ ތ. ގުރައިދޫގައެވެ.
މި ސެންޓަރު ހުޅުވީ، ރައީސުލްޖުމްހޫރިއްޔާ ރާއްޖޭގެ ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކ. ގުރައިދޫއަށް ކުރެއްވި ޒިޔާރަތުގެތެރެއިންނެވެ. އެ ސެންޓަރު ރަސްމީކޮށް ހުޅުއްވައިދެއްވީވެސް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒެވެ.
އެމްއެންޑީއެފްއިން ބުނީ، ތ ގުރައިދޫގައި ގާއިމުކުރި ސެނަހިޔަ ހައިޕަރބްރިކް ސެންޓަރުގައި ބެހެއްޓިފައިވާ ހައިޕަރބްރިކް ޗެމްބަރއަކީ ޖަޕާން ސަރުކާރުގެ ދީލަތި އެހީގެ ދަށުން އެމްއެންޑީއެފަށް ލިބިފައިވާ ޗެމްބަރެއްކަމަށެވެ. އަދި، ސެނަހިޔަ ހައިޕަރބެރިކް ސެންޓަރަކީ ޑައިވްކުރުމުގައި ދިމާވާ ޞިއްޙީ މައްސަލަތަކަށް ފަރުވާ ދިނުމަށް ޚާއްޞަ ސެންޓަރެއްކަމަށާއި، މި ސެންޓަރުގެ ސަބަބުން، ދިވެހި މަސްވެރިންނަށާއި، ޑައިވަރުންނަށާއި، ފަތުރުވެރިންނަށް ޑައިވްކުރުމުގައި ދިމާވާ ހިތާމަވެރި ހާދިސާތަކަށް ފަރުވާ ދިނުމަށް ބޭނުން ހިފޭނެއެވެ.
ވައިފުޅި އަޅައިގެން ފީނައިގެން އެންވެރިކަން ކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ދިމާވާ ހާދިސާތަކުގައި ފަރުވާ ދެވޭނެ އިންތިޒާމްތައް އެކި ސަރަހައްދުތަކުގައި ގާއިމުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. ތ. ގުރައިދޫއަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ދަތުރުފުޅުގައި އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ވާހަކަފުޅުދައްކަވަމުން ވިދާޅުވީ، ރިޔާސީ ކެމްޕޭންގައި ވައުދުވެވަޑައިގެންފައިވާގޮތައް، އެކި ސަރަހައްދުތަކުގައި ޑީކޯ ޗޭމްބަރު ގާއިމުކުރުމުގެ މަސައްކަތް ވަރަށް ހަލުވި ދުވެލީގައި ކުރިޔަށްދާކަމަށެވެ. އެގޮތުން، ކުރިޔަށްއޮތް 4 މަސްދުވަހުގެ ތެރޭގައި މާލެ ސިޓީ، އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ތިނަދޫ ސިޓީ، އއ.ރަސްދޫ، އަދި، ގއ ވިލިނގިލީގައި ޑީކޯ ޗޭމްބަރ ބެހެއްޓޭނަކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުން، ޑީކޯ ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެހިފައި ނެތުމަކީ، މަސްވެރިންނާއި ޑައިވަރުންގެ ދުވަސްވީ ކަންބޮޑުވުމެކެވެ. ރާއްޖޭގެ 6 ސަރަހައްދެއްގައި، ދާއިމީ ގޮތެއްގައި ޚިދުމަތް ދެވޭނެ ޑީކޮމްޕްރެޝަން ޗެމްބަރުތައް ބެހެއްޓުމަކީ މަސްވެރިން އަދި ފީނާ ފަރާތްތަކައް ލިިބިގެންދާ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. މިހާރު ޑީކޯ ވެއްޖެނަމަ، ފަރުވާ ހޯދަން ދާންޖެހެނީ އޭޑީކޭ ހޮސްޕިޓަލަށް ނުވަތަ އެ ޚިދުމަތް ގާއިމުވެފައި ހުންނަ ރިސޯޓަކަށެވެ. މިއީ، ވަރަށް އަގުބޮޑު ފަރުވާއެކެވެ.