ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިއަދު ވައި ގަދަވެ، ކަނޑުތައް ގަދަވާނެކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކޮށްފި އެވެ.
އެ އިދާރާއިން މިއަދު ހެނދުނު 08:00 ގައި ނެރުނު ހުދު ސަމާލެއްގައި ބުނެފައިވަނީ، ސަމާލު ނެރެފައިވާ ސަރަހައްދަށް ގަޑިއަކު 22 މޭލާއި 27 މޭލާއި ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެކަމަށެވެ. އަދި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށްވެސް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
ނ. އަތޮޅުން ފެށިގެން، އައްޑޫ ސިޓީއާ ދެމެދު ހިމެނޭ ސަރަހައްދަށް ނެރުނު މި ސަމާލުގެ ވަގުތު ހަމަވާނީ މެންދުރު ފަހު 02:00 އަށެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވަމުން އަންނާތީ މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލު ވުމަށް އިލްތިމާސްކޮށްފައެވެ.
އެމްއެންޑީއެފްއިން ވަނީ، ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ކޮންމެހެން ދަތުރުކުރަންޖެހޭ ފަރާތްތަކުން ވެސް، ދަތުރުކުރައްވާ އިރު މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައެވެ. އަދި، ރޭގަނޑު ދަތުރުނުކުރުމަށާއި، މޫސުން ތަންނުދޭ ނަމަ، މޫސުން ރަނގަޅު ވަންދެން ދަތުުރު ފަސްކޮށްލުމަށް އަދި މޫސުމާ ބެހޭ ގައުމީ އިދާރާއިން ރީނދޫ ނުވަތަ އޮރެންޖު ސަމާލު ނެރެފައިވަނިކޮށް ދަތުރުނުކުރުމަށް ވެސް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.