މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ)ގެ ޗީފް އެގްޒެކްޓިވް އޮފިސަރުގެ މަޤާމަށް، މުޙައްމަދު އަނަސް އައްޔަންކޮށްފި އެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރޮޓައިޒޭޝަން ބޯޑުން މިރޭ ސޯޝަލް މީޑިއާގައި ހިއްސާކުރި މެސެޖެއްގައި ބުނެފައިވަނީ، މިފްކޯގެ ޑިރެކްޓަރުންގެ ބޯޑުގެ މެނޭޖިންގ ޑިރެކްޓަރު އަދި ޗީފް އެގްޒެކްޓިވް އޮފިސަރުގެ މަޤާމަށް، މުޙައްމަދު އަނަސް މިއަދުން ފެށިގެން އައްޔަންކޮށްފައިވާކަމަށެވެ.
މިފްކޯގެ ސީއީއޯކަމަށް އަނަސް އައްޔަނކުރުމާ ހަމަޔަށް ހުންނެވީ ޕީސީބީގެ ރައީސްކަމުގެ މަގާމުގައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްުޒު، އަނަސް އެމަގާމަށް އައްޔަންކުރެއްވީ މިދިޔަ އަހަރުގެ މާޗްމަހުގެ ތެރޭގައެވެ. އަދި މަގާމުން އިސްތިއުފާ ދެއްވީ މިއަދުއެވެ.
އަނަސް މިފްކޯގެ ސީއީއޯކަމުގެ މަގާމަށް އައްޔަންކޮށްފައި މިވަނީ ކުރިން އެމަގާމުގައި ހުންނެވި ބްރިގޭޑިއަރ ޖެނެރަލް(ރިޓަޔަޑް) ފަރުހަތު ޝަހީރު މަގާމުން އިސްތިއުފާދެއްވުމާއި ގުޅިގެންނެވެ. ފަރުހަތު މަގާމުން އިސްތިއުފާ ދެއްވީ މިމަހުގެ 12 ވަނަ ދުވަހުއެވެ.
މުޙައްމަދު އަނަސް އަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. މުޙައްމަދު އަނަސް މީގެ ކުރިން އަދާކުރައްވާފައިވާ ވަޒީފާތަކުގެ ތެރޭގައި މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގގެ ނައިބުކަމާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަންގެ އޮޑިޓް މެނޭޖަރުކަމާއި މޯލްޑިވްސް ބިޒްނަސް ސްކޫލުގެ އެސޯސިއޭޓް ޕްރޮފެސަރކަމުގެ މަގާމު ވެސް ހިމެނެއެވެ.