މި އަހަރު ތެރޭ އިތުރު 23 އައިސް ޕްލާންޓެއް އޮަޕަރޭޝަނަށް ގެނެވޭވަރުވާނެކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް އޮފީހުގައި ނޫސްވެރިންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި ވަޒީރު ޝިޔާމް ވިދާޅުވީ، މި ސަރުކާރު ވެރިކަމަށް އައި އިރުގައި، ރަނގަޅު މަސްވެރި ކަމެއްގައި އައިސް ނުލިބުމުގެ ދަތިކަން އެއީ މަސްވެރި ސިނާއަތައް އޮތް ބޮޑު ގޮންޖެހުމެއްކަމުން، އެކަމަށް ހައްލެއް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާކަމަށެވެ. އެގޮތުގެ މަތީން ކުރެވުނު މަސައްކަތުގެ ދަށުން ހަ ރަށެއްގައި އައިސް ޕްލާންޓް ގާއިމުކޮށް އޮަޕަރޭޝަނަށް ގެނެސްފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ދައުލަތުގެ ބަޖެބަޖެޓުން ޚަރަދުކޮށްގެންނާއި، ސަޢުދީ ޑެވެލޮޕްމެންޓް ފަންޑުގެ އެހީގައި އިތުރު އައިސްޕްލާންޓްތަކެއް ތަރައްޤީކުރުމުގެ މަސައްކަތް ކުރިޔަށްދާކަމަށެވެ. މިގޮތުން ލ.މާބައިދޫ، މ.ވޭވަށް، ޅ.ނައިފަރު، ށ.ކޮމަންޑޫ، މ.މުލަށް، ލ.މާވަށް، ލ.ހިތަދޫ، ހދ.ކުޅުދުއްފުށި އަދި ދ.ހުޅުދެލީގެ އައިސް ޕްލާންޓް ގާއިމުކުރުމުގެ މަސައްކަތް ކުރިޔަށްދާއިރު، މިއިން ބައެއް ތަންތަނުގެ އަމަަލީ މަސައްކަތް ފަށައި، އަނެއްބައި ތަންތަނުގެ މަސައްކަތުގެ ލިޔެކިޔުމުގެ މަރުހަލާ ކުރިއަށްދާކަމަށް ވަޒީރު ވިދާޅުވިއެވެ.
”ވަރަށް ގިނަ އައިސްޕްލާންޓުގެ ވާހަކަ މިދެއްކީ ގާތްގަނޑަކަށް 23 އައިސްޕްލާންޓެއް އޮޕަރޭޝަނަށް ގެނެވިގެންދާނެ. އަޅުގަނޑު ޔަގީންކުރަނީ ސައުދީ ފަންޑުގެ އައިސްޕްލާންޓުތައް ހިމެނޭހެން މިދެންނެވި ހުރިހާ އައިސްޕްލާންޓުތައް މި އަހަރު އޮޕަރޭޝަނަށް ގެނެވޭނެކަމަށް،“ ވަޒީރު ވިދާޅުވިއެވެ.
ވަޒިރު ވިދާޅުވީ މި އައިސް ޕްލާންޓްތަކުގެ މަސައްކަތް މިއަހަރު ފަށާ ނިންމުމަށް އަމާޒު ހިފާފައިވާކަމަށާއި، މިއައިސް ޕްލާންޓްތައް އޮޕަރޭޝަނަށް ގެނެވުމާއެކު ރާއްޖޭގެ މޫސުމީ މަސްވެރިކަމުގައި އައިހަށް ޖެހޭ ޖެހުން ނިމުމަކަށް އަންނާނެކަމަށެވެ.