ދިވެހިރާއްޖޭގައި ކުރާ ކަނޑުމަހުގެ މަސްވެރިކަމާއި މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތަކާއި ބެހޭ ސައިންޓިފިކް މަޢުލޫމާތު ނެގުމުގެ ޕްރޮގްރާމް ފަށަށް ތައްޔާރުވަމުން އަންނަ ކަމަށް، މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓް(އެމްއެމްއާރްއައި) އިން ބުނެފި އެވެ.
މި ޕްރޮގްރާމްއާ ބެހޭ މައުލޫމާތު ”ކެޔޮޅާ“ އާ ހިއްސާކުރައްވަމުން އެމްއެމްއާރްއައިގެ ޑިރެކްޓަރ ޖެނެރަލް މުހައްމަދު ޝިމާލް ވިދާޅުވީ، ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގުވާމީ ޖަމްއިއްޔާ ޖަމާއަތްތަކަށް ވަކިއުސޫލެއްގެ ދަށުން ރާއްޖޭގެ މަސްވެރިކަމުގެ ސައިންޓިފިކް މައުލޫމާތު ހިއްސާކުރަންޖެހޭތީ، އާދައިގެމަތިން ކޮންމެ އަހަރަކުވެސް އެމްއެމްއާރްއައިއިން މައުލޫމާތު އެއްކުރަމުންދާކަމަށެވެ. އެގޮތުން މިއަހަރުގެ މައުލޫމާތު އެއްކުރުމުގެ ޕްރޮގްރާމް ފެށުމުގެ ތައްޔާރީތައް މިހާރު ކުރަމުންދާކަމަށާއި، މިހާތަނަށް އާއިރު މިމަސައްކަތައް ބޭނުންވާ އޮބްޒާވަރުން ނަގާފައިވާކަމަށް ޝިމާލް ވިދާޅުވިއެވެ.
”މަސްވެރިކަމުގެ ގާނޫނާއި މަސްވެރިކަމުގެ އާންމު ގަވައިދުގައި ބުނާގޮތުން، މިޕްރޮގްރާމަށް ނަގާ އޮބްޒާވަރުން އާންމުކުރަންޖެހޭ. އެގޮތުގެ މަތިން މިހާރުވާނީ 17 އޮބްޒާވަރުން މިކަމަށް ކަނޑައަޅާ އެފަރާތްތަކުގެ ނަންތައް ގެޒެޓްގައި ޝާއިއުކޮށްފަ. މީގެތެރޭގައި މުޅިންވެސް ތިބޭނީ އެމްއެމްއާރްއައި އަދި ފިޝަރީޒް މިނިސްޓްރީގައި ކުރިންވެސް މިކަންކުރަމުން އައި މުވައްޒަފުންތަކެއް. ވިސްނާފައޮތީ އާންމުކޮށް ހުޅުވާލައިގެން މިކަމަށް ޝައުގުވެރިކަންހުންނަ ފަރާތްތައް މުސްތަގުބަލުގައި ނަގަން.“ ޝިމާލް ވިދާޅުވި އެވެ.
ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު ބުނާގޮތުންނަމަ، އެ ޤާނޫނުގެ ދަށުން ހުއްދައެއް ނުވަތަ ޞައްޙަ ލައިސަންސެއް ލިބިފައިވާ އުޅަނދުތަކުގައި ނުވަތަ އެ ޤާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކުގެ ދަށުން ކަނޑަ އަޅާފައިވާ އެނޫންވެސް އުޅަނދުތަކުގައި، އޮބްޒާވަރުންގެ ގޮތުގައި ޙަރަކާތްތެރިވުމަށް ކަނޑައަޅާ ފަރާތްތައް ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެވޭ އިޢުލާނަކުން ފިޝަރީޒް މިނިސްޓްރީން ކަނޑައަޅަން ޖެއެހެވެ. މި އޮބްޒާވަރުންގެ މަސްއޫލިއްޔަތުތަކުގެތެރޭގައި، ސައިންޓިފިކް ކަންކަމަށާއި، މަސްވެރިކަން ރާވައ،ި ހިންގައި ބެލެހެއްޓުމަށާއ،ި އެނޫން ބޭނުމަށްޓަކައ،ި އިތުބާރު ހުރި ޞައްޙަ މަޢުލޫމާތު އެއްކޮށް، ރެކޯޑުކޮށް ރިޕޯޓުކުރުން ހިމެނެއެވެ.
އޮބްޒާވަރުންގެ ނަން އާންމުކޮށް ފިޝަރީޒް މިނިސްޓްރީން ގެޒެޓްގައި ޝާއިއުކޮށްފައިވާ އިއުލާނުގައި، އޮބްޒާވަރުން އާންމުކޮށް މަސްކިރުވާ ބަނދަރުތަކުން މަސްވެރި އުޅަނދުތަކަށް އަރައި، ދަތުރުގައި ބައިވެރިވެ، މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި، އުޅަނދުތަކުގެ ކެޔޮޅުންނާއި ޒިންމާދާރު ވެރިންެ އެއްބާރުލުން ދިނުމަށް އެދިފައި ވެއެވެ.