މާލެއިން ފުރައިގެން ކ. އެރިޔަދު އަށް ދަތުރުކުރަމުން ދަނިކޮށް ބަންޑުން ޖަހާލި ”އަލްމާކް-ފިޔަ“ ނަމަކަށް ކިޔާ ކޮޅުވެއްޓިން ގެއްލުނު މީހުންގެ ތެރެއިން، ތިންވަނަ މީހާ ނިޔާވެފައި އޮއްވައި ރޭ ފެނިފައިވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސް(އެމްއެންޑީއެފް) އިން ބުނެފި އެވެ.
100 ފޫޓުގެ ”އަލްމާކް-ފިޔަ“ ކޮޅުވެއްޓި ބަންޑުން ޖަހާލާފައި ވަނީ ކ. ތުޅާގިރި އިރުދެކުނުން 1.3 ނޯޓިކަލް މޭލުން މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު އެވެ. ސްރީލަންކާއަށް ނިސްބަތްވާ މި މީހާއަކީ ގެއްލިގެން ހޯދަމުންދިޔަ ފަހު މީހާއެވެ. އޭނާގެ ހަށިގަނޑު ފެނުނީ މާލެ އަތޮޅު އާއިލާފުށްޓާއި ވިލާ ނޮޓިކާއާ ދެ ރަށް ދޭތެރެއިން އޮޔާދަނިކޮށް ރޭގެ ވަގުތެއްގައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އެއީ ސްރީލަންކާއަށް ނިސްބަތްވާ ފިރިހެނެކެވެ.
ކޮޅުވެއްޓި ބަންޑުންޖަހާލިއިރު، އޭގައި ދަތުރުކުރި 7 މީހުންގެ ތެރެއިން، 3 މީހުން ގެއްލުނެވެ. މިހާދިސާގައި ކަނޑުވި 4 މީހުން ސަލާމަތްކޮށްފައިވާއިރު، ގެއްލުނު ތިން މީހުންވެސް ފެނުނު އިރު ވަނީ ނިޔާވެފައެވެ. ގެއްލުނު މީހުންގެ ތެރޭގައި ދިވެއްސަކުވެސް ހިމެނެއެވެ.












