1447 ވަނަ އަހަރުގެ ރަމަޟާން މަހަށް ދިވެހި ކޮންމެ ގޭބިސީއަކަށް ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސްތައް އަތޮޅު ތެރެއަށް ފޮނުވުމުގެ މަސައްކަތް މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްއިން ފަށައިފިއެވެ.
ދިވެހިރާއްޖޭގެ އަޑުން‘ ގެނެސްދޭ “އަދުގެ ރާއްޖެ“ގެ މިއަދުގެ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ޔޫސުފް ޢަބްދުލްޣަފޫރު ވިދާޅުވީ އިއްޔެއިން ފެށިގެން އަތޮޅު ތެރޭގެ ރަށްތަކަށް މަސްދަޅު ކޭސްތައް ފޮނުވުމުގެ މަސައްކަތް ފަށާފައިވާއިރު، މިއަދާއި މާދަމާ ވެސް މަސްދަޅު ކޭސްތައް ރަށްރަށަށް ފޮނުވުމުގެ މަސައްކަތް ކުރިޔަށްގެންދާނެކަމަށެވެ. އަދި، މާދަމައިން ފެށިގެން އަތޮޅުތަކަށް ފުލްކޮށް ގެންދިޔުމުގެ މަސައްކަތް ފެށޭނެކަމަށް ސްޓޭޓް މިނިސްޓަރު ވިދާޅުވިއެވެ.
ސްޓޭޓް މިނިސްޓަރ ޔޫސުފް ވިދާޅުވީ މަސްދަޅު ކޭސްތައް ބެހުމަށް ފަހިވާ ގޮތަށް މިހާރުވެސް އަތޮޅުތެރޭގެ އެކި ސަރަޙައްދުތަކުގައި ގުދަން ކުރެވިފައިވާ ކަމަށެވެ. އަދި، އެ ތަންތަނުން ރަށްތަކަށް މަސްދަޅު ކޭސްތައް ބެހުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށެވެ.
ރަށްރަށާއި، މާލެ ފިޔަވައި އެހެނިހެން ސިޓީތަކަށް މަސްދަޅު ފޮނުވުމުގެ މަސައްކަތް ކުރަނީ އެސްޓީއޯއިންނެވެ. އަދި ރަށްރަށާއި، އެހެނިހެން ސިޓީތަކުގައި ރޯދަހަދިޔާ ބެހުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ކައުންސިލުތަކުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް ވޭތުވެދިޔަ 2 އަހަރެކޭ އެއްފަދައިން މިހިނގާ 1447 ވަނަ އަހަރުވެސް ސަރުކާރުން ބަހަނީ ދިވެހި ކޮންމެ ގޭބިސީއަކަށް 48 ދަޅުގެ މަސްދަޅު ކޭހެއްގެ މަގުންނެވެ. މި އަހަރު މަސްދަޅު ކޭސް ބެހުމަށް ހަމަޖެހިފައިވަނީ ޖުމްލަ 1،18773 ގޭބީސީއަކަށެއެވެ. އެއީ މާލޭގެ 61،755 ގޭބީސީއަކާއި އަތޮޅުތެރޭގެ 56،918 ގޭބީސީއެވެ. މި ހިނގާ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު މާލެ ސިޓީގައި ވަނީ މަސް ދަޅު ކޭސް ބަހަން ފަށާފައެވެ.