މާފަރު ބޭރުގައި ދޮށީ ކަނދުފައްޗެއް އަޅައިފި އެވެ.
ނ. މާފަރު ކަނދުފަތި އިއްޔެ އަލުން އަޅާފައިވަނީ، އެރަށު ކަނދުފަތި ކަނޑައިގެން ދިއުމާއި ގުޅިގެންނެވެ. މިއީ މިއަހަރު ތެރޭގައި އެ ކަނދުފަތި ގާއިމު ކުރި ދެވަނަ ފަހަރެވެ. ކަނޑައިގެން ދިޔަ ކަނދުފަތި އަޅާފައި އޮތީ މާފަރުގެ އިރުން 9.5 މޭލު ބޭރުގައެވެ. މި ފަހަރު ކަނދުފަތި ޕޮޒިޝަންވަނީ ބަދަލުކޮށްފައެވެ. އެގޮތުން އަލުން ކަނދުފަތި އަޅާފައިވަނީ އެރަށުގެ އިރުން 9 މޭލު ބޭރުގައެވެ.
ފިޝަރީޒް މިނިސްޓްރީގެ ޓީމުން މިހާރު އުތުރަށް ކުރަމުންދާ ދަތުރުގައި އިއްޔެ ގާއިމުކުރި ނ.މާފަރު ދޮށީ ކަނދުފަތީގެ ނަންބަރަކީ E10D01-03 އެވެ.
ފިޝަރީޒް މިނިސްޓްރީން މައުލޫމާތި ދީފައިވާ ގޮތުގައި، ކަނދުފައްޗެއް އަޅަން ގާތްގަނޑަކަށް ފަސް ލައްކަ ރުފިޔާ ޚަރަދުވެއެވެ. ދޮށީ ކަނދުފަތިތައް ތައްޔާރުކުރަމުންދަނީ ހުޅުމާލޭގައި ގާއިމުކޮށްފައިވާ އެކަމަށް ޚާއްސަ ސެންޓަރެއްގައެވެ. ކަނދުފަތި އަޅަނީ ފިޝަރީޒް މިނިސްޓްރީގެ ފަންނީ ޓީމަކުންނެވެ.
ދޮށީ ކަނދުފައްޗަކީ، ދޮށީ މަސްވެރިކަމަށް ޚާއްސަ ކަނދުފައްޗެކެވެ. އެ ކަނދުފަތި ދޮށުގައި އެހެނިހެން ބާވަތްތަކުގެ މަސްވެރިކަމުގެ ހަރަކާތްތައް ހިންގުމަކީ ގާނޫނީ ގޮތުން މަނާކަމެކެވެ.