ކެޔޮޅާ އިން ގއ. ވިލިނގިލީގައި ކުރިޔަށް ގެންދަން ރާވާފައިވާ މަސްވެރިކަމާ ގުޅުންހުރި އެކި ހަރަކާތްތައް ބޭނުންވާ އެއްބާރުލުން ހޯދުމަށް ގއ ވިލިނގިލީ ކައުންސިލާއެކު މަޝްވަރާކޮށްފި އެވެ.
މިއަދު މެންދުރު ކައުންސިލް އިދާރާގައި ބޭއްވެވި މިބައްދަލުވުމުގައި، ކައުންސިލްގެ ނައިބު ރައީސް އަޝްރަގް ގާދިރު އާއި ކައުންސިލްގެ މެންބަރުންނާއި، ކައުންސިލް އިދާރާގެ އިސް މުވައްޒަފުންގެ އިތުރުން ކެޔޮޅާ ނޫހުގެ މެނޭޖްމެންޓާއި، ނޫސް ޓީމްގެ އިސް މެންބަރުން ބައިވެރި ވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާކުރެއްވީ، ކެޔޮޅާ ނޫހުން ވިލިނގިލީގައި ކުރިޔަށް ގެންދަން ރާވާފައިވާ އެކި ހަރަކާތްތައް ކައުންސިލާއި ގުޅިގެން ބޭއްވޭނެ ގޮތްތަކާމެދުގައެވެ. އެގޮތުން، ކެޔޮޅާއިން ކުރިޔަށް ގެންދަން ރާވާފައިވާ ”މަސް ނޫސްވެރިން“ ބިނާ ކުރުމުގެ ޕްރޮގްރާމްގެ ދަށުން ގއ. އަތޮޅުގައި ބާއްވަން ނިންމާފައިވާ ތަމްރީން ޕްރޮގްރާމް ހިންގުމުގައި ކައުންސިލުން އެއްބާރުލުން ދެވިދާނެ ގޮތްތަކާއި، އެޕްރޮގްރާމް ހިންގުމުގައި ދެފަރާތުން އަދާކުރެވިދާނެ ދައުރާގުޅޭ ގޮތުން މަޝްވަރާ ކުރެވިފައި ވެއެވެ. އަދި، މަސްވެރިން ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމްތަކާއި، އަދި މަސްވެރިން ކޮންޓެންޓް އުފެއްދުމުގައި އެހީތެރިވެވިދާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައި ވެއެވެ. މީގެ އިތުރުން ކައުންސިލުން ކުރިޔަށްގެންދަން ރާވާފައިވާ މަސްވެރިކަމާ ގުޅުންހުރި އެކި ހަރަކާތްތަކުގައި ކެޔޮޅާގެ ފަރާތުން ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުންވެސް މަޝްވަރާ ކުރައްވާފައި ވެއެވެ.
މިއަދުގެ ބައްދަލުވުން ނިންމާލާފައިވަނީ، މި ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންތައްތައް ތަންފީޒްކޮށް އަމަލީ ގޮތުން މަސައްކަތް ފެށުމަށްޓަކައި ދެ މުއައްސަސާގެ ދެމެދުގައި މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ(އެމްއޯޔޫ) އެއްގައި ސޮއިކުރުމަށް އެއްބަސްވެގެންނެވެ. ކުރިޔަށް އޮތް ދުވަސްތަކުގައި މިއެމްއޯޔޫގައި ސޮއިކުރެވިގެންދާނެއެވެ.