މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި، އުނގޫފާރު ކައުންސިލާއި އުނގޫފާރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެން ބާއްވާ މަސްރޭހުގައި ބައިވެރިވާން އިތުރު ފުރުސަތެއް ކައުންސިލުން ދީފިއެވެ.
’އުނގޫފާރު އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ 3 ވަނަ މަސްރޭސް‘ ގެ ނަމުގައި ޑިސެންބަރުމަހުގެ 6 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ މިމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ކައުންސިލުން ފުރަތަމަ ހުޅުވާލީ މިމަހުގެ 4 ވަނަ ދުވަހުއެވެ. ނޮވެމްބަރ 10 ގެ ނިޔަލަށް ރޭހުގައި ބައިވެރިވުމަށް ހުޅުވާލިނަމަވެސް އެދެވޭ މިންވަރަށް ޓީމްތައް ބައިވެރިވެފައިނުވާކަމަށް ކައުންސިލުން ބުންޏެވެ. އެހެންކަމުން މިއަދު ކައުންސިލުން ވަނީ މިމުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް އިތުރު ފުރުސަތެއް ދީފައެވެ.
ކައުންސިލުން ބުނީ، އަލަށް ދިން މިފުރުސަތުގެ ދަށުން، މި މަސްރޭހުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން ނޮވެމްބަރ 23 ވާ އާދިއްތަ ދުވަހުގެ 13:30 ގެ ކުރިން މަސްރޭހުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަކުރެއްވުމަށްފަހު އުނގޫފާރު ކައުންސިލް އިދާރާއަށް ހުށަހެޅުމަށް އެދޭކަމަށެވެ. މަސްރޭހުގައި ބައިވެރިވުމަށް އެދޭ ފޯމް، ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ 10:30 ން 13:30 އާއި ދެމެދު އުނގޫފާރު ކައުންސިލް އިދާރާ އިން ދޫކުރާނެކަމަށް ކައުންސިލުން ބުނެފައި ވެއެވެ.
އުނގޫފާރުގައި ދިރިއުޅޭ 18 އަހަރުންމަތި ދެޖިންސުގެ ބޭފުޅުންނަށް ރޭހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، މި ރޭހުގައި ބައިވެރިވާ ޓީމުތަކުގައި ކޮންމެ ޓީމެއްގައި 5 މެމްބަރުން ހިމަނަށް ޖެހެއެވެ. ޓީމް ހަދާއިރު ޓީމްގައި އަންހެން އަދި ފިރިހެން އެއްކޮންނާއި ވަކިންވެސް ޓީމްގައި ބައިވެރި ކުރެވެއެވެ. އެއްވެސް ބިދޭސީއަކަށް މިރޭހުގައި ބައިވެރި ނުވެވެއެވެ.
މި މަސްރޭހަކީ، މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށާއި، މަސްވެރިންގެ ރޫހު އާލާކޮށް ދިރުވުމަށާއި، އިޖުތިމާއީ ރޫހު އާލާކޮށް ދިރުވުމަށާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާއި މަސްވެރިންގެ އޮންނަ ގުޅުން ބަދަހިކުރުވުމުގެ މަގުސަދުގައި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީން އިސްނަގައިގެން އުނގޫފާރުގެ
ދެޖިންސަށް އަމާޒުކޮށްގެން ބާއްވާ މަސްރޭހެކެވެ. މިއީ، މިރޭސް ބާއްވާ ތިންވަނަ ފަހަރެވެ.
ދުވާފަރު ކައުންސިލުން މިހާރު ވަނީ މަސްރޭހުގެ ގަވާއިދުވެސް އިސްލާހުކޮށް އާންމުކޮށްފައެވެ. އޭގައި މުބާރާތުގެ ވަނަތައް ދޭގޮތާއި އިނާމުތަކައް ކަނޑައަޅާފައިވާ ފައިސާގެ އަދަދު ހިމަނާފައިވެއެވެ. ގަވާއިދުގައިވާގޮތުންނަމަ، ވަނަ ހޮވުމުގައި ކިލޯ ގުރާމްގެ އަދަދު އެއްވަރު ވެއްޖެ ހާލަތެއްގައި ބަލާނީ އެއް ވަރުވި 2 ޓީމުގެ ތެރެއިން އެންމެ ގިނަ މަސް ކިރުވައިފައިވާ ޓީމަށެވެ. އަދި މިގޮތުންވެސް އެއްވަރުވެއްޖެނަމަ ދެންބަލާނީ އެންމެ ކުރިން ރަށަށް އައި ޓީމަށެވެ.
މަސް ރޭހުގައި ހޮވާ ވަނަތަކާއި ކަނޑައަޅާފައިވާ އިނާމުތައް:
*އެންމެ ގިނަ ކިލޯ ކިރުވައި ޓީމް(1ވަނަ ޓީމް): 5،000ރުފިޔާ
*ދެވަނައަށް އެންމެ ގިނަ ކިރުވައި ޓީމް(2ވަނަ ޓީމް): 3،000ރުފިޔާ
*ތިންވަނަ އެންމެ ގިނަ ކިލޯ ކިރުވައި ޓީމް(3ވަނަ ޓީމް): 2،000ރުފިޔާ
*އެންމެ ދޮށީ އުމުރުގެ ކެޔޮޅު: 500ރުފިޔާ
*އެންމެ ހަގު އުމުރުގެ ކެޔޮޅު: 500ރުފިޔާ
*އެންމެ ބޮޑުމަސް ބޭނި ފަރާތަކަށް: ރީލް ދޮށްޓެއް
މިރޭހުގައި ބައިވެރިވާ ޓީމުތަށް މަހަށް ފުރާނީ 2025 ޑިސެމްބަރ 06 ވާ ހޮނިހިރު ދުވަހުގެ މެންދުރުފަހު 14:00 ގައި އުނގޫފާރު ހުޅަނގު ބަދަރުންނެވެ. ޓީމްތަކުން މަހަށް ފުރުމުގެ 15 މިނެޓް ކުރިން ކަނޑައަޅާ ސަރަހައްދަށް މަހަށް ފުރާ އުޅަނދުގައި މަހަށް ފުރަން ތައްޔާރުވެގެން ހާޒިރުވާންވާނެކަމަށާއި، ގަޑިއަށް ހާޒިރުނުވެއްޖެނަމަ 500 ރުފިޔާއިން ޖޫރިމަނާވާނެކަމަށް މަސްރޭހުގެ ގަވާއިދުގައި ބުނެފައި ވެއެވެ. ޓީމުތައް ރަށަށް ލަފާނީ ރޭގަނޑު 21:00 ގެ ކުރިން އުނގޫފާރު ރަސްމީ ބަނދަރުގެ މަސްރޭސް ރަސްމިއްޔާތު ކުރިއަށްދާ ސަރަހައްދު ކައިރިޔަށެވެ. އަދި ރަށަށް ލެފުމަށްފަހު ގަޑިޖެހުމުގެ ކުރިން ޓީމުގެ މަދުވެގެން 1 މެމްބަރަކު މަސްކިރާ ސަރަހައްދަށް ހާޒިރުވެ ރިޕޯޓް ކުރަންވާނެކަމަށާއި، ގަޑިއަށް ހާޒިރުނުވާނަމަ 500ރުފިޔާއިން ޖޫރިމަނާ ވާނެކަމަށްވެސް މަސްރޭހުގެ ގަވާއިދުގައި ބުނެފައި ވެއެވެ.