މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި ހިމަނައިގެން ފަރުމަސްވެރިކަމުގެ މަސްރޭހެއް ބާއްވަން ފިޝަރީޒް މިނިސްޓްރީން ނިންމައިފި އެވެ.
މި މަސްރޭސް ބާއްވަން ހަމަޖެހިފައިވަނީ، މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރަން ސަރުކާރުން ކަނޑައަޅާފައިވާ ރަށްކަމުގައިވާ ރ. ދުވާފަރުގައެވެ. ’މަސްވެރިންގެ ދުވަހުގެ މަސްރޭސް 2025‘ ގެ ނަމުގައި، ބާއްވަން ނިންމި މި ރޭސް އޮންނާނީ 12 ޑިސެމްބަރު 2025 ވާ ހުކުރު ދުވަހުއެވެ.
ރ. އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ މި ރޭހުގައި ބައިވެރިވުމުގެ ފުރުސަތު ފިޝަރީޒް މިނިސްޓްރީން މިހާރުވަނީ ހުޅުވާލާފައެވެ. ރޭހުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން އެކަމަށް ކަނޑައަޅާފައިވާ ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު 20 ނޮވެމްބަރު 2025 ގެ 14:00 ގެ ކުރިން ފިޝަރީޒް މިނިސްޓްރީއަށް ހުށަހަޅަންޖެހެއެވެ. ރޭހުގައި ބައިވެރިވުމުގެ ފުރުސަތު ދޭނީ، ރޭހުގައި ބައިވެރިވުމަށް ފުރަތަމަ ފޯމް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ 20 ޓީމަށްކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.












