އައިއައިޓީއީ މެރިޓައިމް އެކެޑަމީ އިން ނިޔަމިކަމުގެ ސެޓިފިކެޓް-2 ކޯހުގެ ބެޗެއް އަންނަ މަހު މާލެ ސިޓީގައި ފަށަން ތައްޔާރުވެއްޖެއެވެ.
އައިއައިޓީއީ މެރިޓައިމް އެކެޑަމީއިން ބުނީ، ނިޔަމިކަމުގެ ސެޓިފިކެޓް-2ގެ އާ ބެޗެއް މާލޭގައި ފަށަން ނިންމާފައިވަނީ އަންނަ މަހުގެ ދެވަނަ ދުވަހު ކަމަށެވެ. ކޯހުގައި ބައިވެރިވާން ބޭނުން ފަރާތްތަކައް 7921961 އަށް ގުޅާލައިގެން ނަން ނޯޓްކުރެވޭނެކަމަށް އެ އެކެޑަމީން ބުނެފައި ވެއެވެ.
ކެޓެގަރީ C,B އަދި D ގެ އުޅަނދުތަކުގެ ކެޕްޓަންުކަން ކުރުމަށް ބޭނުންވާ ލައިސަންސް ހޯދުމަށް މަގުފަހިކޮށްދޭ މި ކޯސް ކުރިޔަށްގެންދަނީ 30 ގަޑީއިރުގެ މުއްދަތަކަށެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަންގެ ހުއްދައާއެކު ހިންގާ މިކޯހުގައި ކަނޑުމަތީގެ ގަވައިދުތަކާއި، މުވާސަލާތީ ވަސީލަތްތަކާއި، ނެވިގޭޝަން، ސޭފްޓީ، ކޮމިއުނިކޭޝަން، އަދި އުޅަނދުފަހަރުތަކާބެހޭ އާންމު މައުލާމާތު ހިމެނޭ ބައިތައް އުނގަންނައިދެއެވެ.
އައިއައިޓީއީ މެރިޓައިމް އެކެޑަމީއަކީ ރާއްޖޭގައި މެރިޓައިމް ކޯސްތައް ހިންގާތާ އެންމެ ގިނަ ދުވަސްވީ އެކެޑަމީއެވެ. އެ އެކަޑަމީން މިހާތަނަށްވަނީ މާލެއާއި އަތޮޅުތައް ހިމެނޭހެން ނިޔަމިކަމުގެ ކޯސް-2ގެ 581ބެޗެއް ކާމިޔާބުކަމާއެކު ހިންގާފައެވެ. އެތަނުން އާންމުކޮށް ހިންގާ ކޯސްތަކުގެ ތެރޭގައި، ނިޔަމިކަމުގެ ސެޓިފިކެޓް-2ގެ އިތުރުން، ނިޔަމިކަމުގެ ސެޓިފިކެޓް-1، ފަޅުވެރިންގެ ކޯސް އަދި މެރިން މެކޭނިކް ކޯސް ހިމެނެއެވެ. ކޮންމެ އަހަރަކުވެސް މާލެއާއި އަތޮޅުތެރޭގައި މީގެ އެކި ބެޗުތައް ހިންގައެވެ. މިކޯސްތަކަކީ ޓްރާންސްޕޯޓް މިނިސްޓްރީގެ ހުއްދަ ލިބިގެން ހިންގާ ފެންވަރު ރަނގަޅު ކޯސްތަކެއްކަން ފާހަގަކުރެވެއެވެ.