މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ހިންގާ ހަރަކާތްތަކުގެ އިވެންޓް މެނޭޖް ކޮށްދޭނެ ފަރާތެއް ހޯދަން ފިޝަރީޒް މިނިސްޓްރީން އިއުލާނުކޮށްފިއެވެ.
ފިޝަރީޒް މިނިސްޓްރީގެ އިއުލާނުގައިވާގޮތުންނަމަ، މަސްވެރިންގެ ދުވސް ފާހަގަކުރުމަށް ބާއްވާ ރަސްމީ މައިގަނޑު ހަރަކާތްތައް ކަމުގައިވާ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާއާއި ކެއްކުމުގެ މުބާރާތުގެ އިވެންޓް މެނޭޖްކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން މިނިސްޓްރީން މައުލޫމާތު ސާފުކުރުމަށްފަހު އަގު ހުށަހެޅުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލާފައެވެ.
މައުލޫމާތު ސާފުކުރަން ބޭނުންނަމަ 30 އޮކްޓޯބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މިނިސްޓްރީއަށް (ވެލާނާގެ 2ވަނަ ފަންގިފިލާ)ދިއުމުން އެކަން ހަމަޖެހިގެންދާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ، 09 ނޮވެމްބަރ 2025 ވާ އަންގާރަ ދުވަހުގެ 11:00 އަށް މިނިސްޓްރީއަށް (ވެލާނާގެ 7ވަނަ ފަންގިފިލާ) ގައި އޮންނާނެކަމަށް މިނިސްޓްރީގެ އިއުލާނުގައި ވެއެވެ. ސުންގަޑީގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައި ނުގަންނާނެކަމަށް މިނިސްޓްރީން ބުނެފައި ވެެއެވެ.
މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ ހަރަކާތްތައް ބާއްވަން ސަރުކާރުން ނިންމާފައިވަނީ ރ. ދުވާފަރުގައެވެ. މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެގޮތުން ޑިސެމްބަރ 12-13 ގައި އެރަށުގައި ގިނަ ހަރަކާތަކެއް ބޭއްވުމަށް ރޭވިފައިވާކަމަށް މިނިސްޓްރީން ބުނެއެވެ. މައިގަނޑު ހަރަކާތްތަކުގެތެރޭގައި ހިމެނޭ ކެއްކުމުގެ މުބާރާތްކަމަށްވާ ’ރަހަވަރު‘ އޮންނާނީ ޑިސެމްބަރު 13 ވަނަ ދުވަހުގެ ހެނދުނު 09:00 އިން މެންދުރު 01:00 އަށް ދުވާފަރުގެ އައުޓްޑޯރ ސަރަހައްދެއްގައެވެ. އަދި، މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ އޮންނާނީ އެދުވަހުގެ ރޭގަނޑު 08:30ގައެވެ.
ކޮންމެ އަހަރަކުވެސް ޑިސެންބަރު މަހުގެ 10 ވަނަ ދުވަސް ފާހަގަކުރަނީ މަސްވެރިންގެ ދުވަހުގެ ގޮތުގަ އެވެ. ގައުމީ ފެންވަރުގައި މަސްވެރިންގެ ދުވަސް ފާހަގަކުރަނީ ދިވެހި މަސްވެރިންގެ އަގުވަޒަންކޮށް، މަސްވެރިންގެ މަސައްކަތްތަކަށް ތަރުޙީބުދިނުމުގެ މަގްސަދުގައެވެ. މިއަހަރު ފާހަގަކުރަނީ 45ވަނަ މަސްވެރިންގެ ދުވަހެވެ.