މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ) ގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރޕަރސަން ކަމުގެ މަޤާމުގައި ހުންނެވި އަޙްމަދު ޝަރީފް، އެމަގާމުން ވަކިކޮށްފި އެވެ. ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރޮޓައިޒައިޓޭޝަން ބޯޑް(ޕީސީބީ) އިން ބުނީ، އޭނާ އެ މަގާމުން ވަކިކޮށް، މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިންގ އެންޑް ޕްރޮމޯޝަން ކޯޕަރޭޝަން(އެމްފޯރމްޕީސީ)ގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރޕަރސަން ކަމުގެ މަޤާމަށް މިއަދު އޭނާ ޢައްޔަނުކޮށްފައިވާކަމަށެވެ.
ސަރުކާރުގެ %100 ހިއްސާ އޮންނަ މިފްކޯ ދަރަނިވެރިވެ، މާލީ ހަލަތު ގޯސްވެފައިވާއިރު، މި ސަރުކާރުން ވަނީ އެކުންފުނި، ރީފޯމް ކުރުމުގެ މަސައްކަތް ފަށާފައެވެ. ރީފޯމް މަސައްކަތުގެ ދަށުން، މިމަހު އެކުންފުންޏަށް ބޭރުގެ ސީއީއޯއެއް އައްޔަންކޮށްފައިވާއިރު، އެކުންފުނީގެ އެޗްއާރް ޑިޕާޓްމަންޓްގެ އިސް ވެރިޔަކަށްވެސް ވަނީ އާ ބޭފުޅަކު އައްޔަންކޮށްފައެވެ. އަދި އިތުރު އިސް ބޭފުޅުން މަގާމުން ވަކިކުރުމުގެ މަސައްކަތްވެސް ކުރަމުންދާކަން މި ނޫހަށް އެނގިފައި ވެއެވެ.
ޝަރީފް ޗެއަރޕަރސަންއަކަށް އައްޔަން ކުރެއްވި، އެމްފޯރމްޕީސީއަކީ ކުންފުނީގެ ޤާނޫނު ގެ 15 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން މިއަހަރުގެ ފެބްރުއަރީމަހުގެ 4ވަނަ ދުވަހު އުފެއްދެވި ކުންފުންޏެކެވެ. އެ ކުންފުނީގެ މަސައްކަތްތަކުގެތެރޭގައި، ރާއްޖޭގެ މަސްވެރިކަމުގެ ޞިނާޢަތު އިތުރަށް ފުޅާކޮށް މުޖުތަމަޢަށް އެ ޞިނާޢަތުން ލިބިދޭ މަންފާ އިތުރުކުރުމަށްޓަކައި އެކުއަރކަލްޗަރ އާއި މެރިކަލްޗަރ ފަދަ ކަނޑުފަޅުގެ އެންމެހާ ވަސީލަތްތަކުން އުފައްދާ އުފެއްދުންތައް ހިމެނޭ ގޮތުން، ރާއްޖޭގައި ކުރާ މަސްވެރިކަމުން އުފައްދާ އުފެއްދުންތައް ބައިނަލްއަޤްވާމީ ބާޒާރުގައި އިޝްތިހާރުކޮށް ޕްރޮމޯޓްކުރުން ހިމެނެ އެވެ. އަދި އޭގެ ވިޔަފާރިން ލިބޭ މަންފާ އިތުރު ކުރުމަށްޓަކައި ރާއްޖޭގެ މަސްވެރިކަމަށް ޚާއްސަ ބްރޭންޑެއް ތަޢާރަފުކޮށް، ޤައުމީ ބާޒާރާއި ބައިނަލްއަޤްވާމީ ބާޒާރަށް ނެރުމާއި، ފެންވަރު ރަނގަޅު އަދި މަތީ އަގު ލިބޭ ތަފާތު ބާޒާރުތަކުގައި ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތަކަށް ހިއްސާ ހޯދުން ހިމެނެ އެވެ.












