ތިލަމާލެ ބްރިޖް މަޝްރޫއުގެ މަސައްކަތުގެ ދަށުން މިވަގުތު މާލެއާއި، ތިލަފުށްޓާއި ދެމެދުގައިވާ ތިން ޗެނެލްއެއްގައި ކުރިޔަށްދާތީ އެ ސަރަހައްދު އާންމު ދަތުރުފަތުރުތަކަށް ބޭނުންނުކުރުމަށް ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ.
މިކަމަށް އިލްތިމާސްކޮށް ފުލުހުންގެ ޚިދުމަތުގެ ރަސްމީ މީސް މީޑިއާތަކުގެ އެކައުންޓްތަކުގައި ހިއްސާކޮށްފައިވާ މެސެޖެއްގައި ބުނެފައިވަނީ، ގްރޭޓަރ މާލެ ކަނެކްޓިވިޓީ، މާލެ- ތިލަފުށި ލިންކް މަޝްރޫއުގެ މަސައްކަތް މާލެއާއި، ތިލަފުށްޓާއި ދެމެދުގައިވާ ތިން ޗެނެލްގައި ކުރިޔަށްދާއިރު، މި ޗެނެލްތައް އާންމު ދަތުރުފަތުރަށް ބޭނުންކުރުމަކީ ރައްކާތެރިކަމެއް ނޫންކަަމަށެވެ.
ފުލުހުން މިފަދައިން އިލްތިމާސްކޮށްފައިވަނީ ފަހަކަށް އައިސް މި ޗެނެލްތައް އާންމު ދަތުރުފަތުރަށް ބޭނުންކުރަމުންދާކަން ފާހަގަކުރެވިފައިވާތީއެވެ. ފުލުހުން ބުނީ، މިއީ ނުރައްކާތެރި ހާދިސާއެއް ހިނގުމުގެ ފުރުސަތުއޮތް ކަމަށެވެ. އެހެންކަމުން، މި މަޝްރޫއުގެ މަސައްކަތް ނިންމައި، ރަސްމީކޮށް މި ސަރަަހައްދު ބޭނުންކުރުމަށް ހުޅުވާލެވެންދެން އާންމު ދަތުރުފަތުރުކުރުމަށް މި ތިން ޗެނެލް ބޭނުން ނުކުރުމަށް އިލްތިމާސްކުރާކަމަށެވެ.












