މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ “ފަސްމީރު” ބްރޭންޑުގެ އުފެއްދުންތައް އަވަށްޓެރި ސްރީލަންކާއަށް ރަސްމީކޮށް ތަޢާރަފުކޮށްފިއެވެ.
“ފަސްމީރު” ބްރޭންޑުގެ އުފެއްދުންތައް ސްރިލަންކާއަށް ތައާރަފްކުރީ މިއަދު، އެކަމަށް ޚާއްސަކޮށްގެން ކޮލޮމްބޯގައި ބޭއްވި ރައްމިއްޔާތެއްގައެވެ. ދެ ޤައުމުގެ ސަރުކާރުގެ އިސް އޮފިޝަލުންނާއި، ޑިޕްލޮމެޓިކް ދާއިރާގެ ބޭފުޅުންނާއި، މަސްވެރިކަމުގެ ދާއިރާގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
ސްރީލަންކާއަށް “ފަސްމީރު” ބްރޭންޑުގެ އުފެއްދުންތައް ރަސްމީކޮށް ތަޢާރަފުކުރެވުނީ ޑިވެލޮޕްމަންޓް އިންޓަރޕްލޭން ސިލޯން ޕްރައިވެޓް ލިމިޓެޑް (ޑީއައިސީއެލް) އާއެކު ވެފައިވާ “އެކްސްކްލޫސިވް ޑިސްޓްރިބިއުޝަން” އެއްބަސްވުމެއްގެ ދަށުންނެވެ. މި އެއްބަސްވުމުގެ ދަށުން، ސްރީލަންކާގެ ހޮޓާ، ރެސްޓޯރެންޓް އަދި ކޭޓަރިންގ ދާއިރާއަށް “ފަސްމީރު” ގެ އުފެއްދުންތައް ފޯރުކޮށްދިނުމާއި، ރީޓެއިލް އަދި ހޯލްސޭލް ބާޒާރަށް މި އުފެއްދުންތައް ނެރުމަށް ހަމަޖެހިފައިވާކަމަށް މިފްކޯއިން ބުންޏެވެ.
“ފަސްމީރު” ބްރޭންޑުގެ އުފެއްދުންތައް ދައްކާލައި އެ އުފެއްދުންތައް ތަޖުރިބާކުރުމުގެ ފުރުޞަތު މިއަދުގެ ރަސްމިއްޔާތުގެ ބައިވެރިންނަށް ފަހިކޮށްދީފައި ވެއެވެ. މިފްކޯއިން ސްރީލަންކާއަށް ތައާރަފްކުރި ފަސްމީރު ބްރޭންޑްގެ އުފެއްދުންތަކުގެ ތެރޭގައި އެކި ބާވަތްތަކުގެ މަސްދަޅުގެ އިތުރުން، ވަޅޯމަހާއި ރިހާކުރާއި މުގުރި މަސް ޕެކެޓް ހިމެނެއެވެ.
ލަންކާގައި މިފްކޯގެ މަހުގެ އުފެއްދުންތައް ތަޢާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އަޙްމަދު ޝިޔާމް އާއި، ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްޢޫދު ޢިމާދު އާއި، މިފްކޯގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު އަނަސް ބައިވެރިވަޑައިގެންނެވިއެވެ. އަދި ސްރީލަންކާގެ މިނިސްޓަރ އޮފް ޓްރޭޑް ކޮމާސް، ފުޑް ސެކިއުރިޓީ އެންޑް ކޯޕަރޭޓިވް ޑިވެލެޕްމަންޓް ވަސަންތާ ސަމަރަސިންގެ އާއި ޑިވެލޮޕްމަންޓް އިންޓަރޕްލޭން ސިލޯންގެ ސީއީއޯ ޒުރައިޝް ޙާޝިމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ދެމެހެއްޓެނިވި މަސްވެރިކަމުން ފެންވަރު ރަނގަޅު އުފެއްދުންތައް އުފައްދައި، ބައިނަލްއަޤްވާމީ ބާޒާރުގައި ކުންފުނީގެ ވިޔަފާރި ފުޅާކުރުމަށް ޚާއްޞަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް މިފްކޯއިން ބުންޏެވެ. މިގޮތުން، “ފަސްމީރު” ބްރޭންޑް ލަންކާއަށް ތަޢާރަފުކުރުމަކީ ރާއްޖޭގެ ކަނޑުމަހުގެ އުފެއްދުންތައް ބޭރުގެ ބާޒާރުތަކަށް އިތުރަށް ފުޅާކުރުމަށާއި، ރާއްޖެއިން ކުރަމުންދާ ތިމާވެއްޓާ ރައްޓެހި މަސްވެރިކަން އިޝްތިހާރުކުރުމަށް ކުރެވުނު މުހިންމު މަސައްކަތެއްގެ ގޮތުގައި މިފްކޯއިން ފާހަގަކޮށްފައި ވެއެވެ.