ޖަޕާނު ސަރުކާރުން، ދިވެހި ފުލުހުންގެ ޚިދުމަތައް ހަދިޔާކުރި އުޅަނދުތައް ފުލުހުންގެ ފްލީޓްގެ ޚިދުމަތުގައި ބޭނުންކުރަން ފެށުމާއެކު، ކަނޑުމަތީގެ ފުލުހުންގެ ގާބިލުކަން ވަރަށް ބޮޑަށް އިތުރުވެ އަދި ކަނޑުމަތީގައި ގާނޫނު ތަންފީޒުކުރުމުގެ ގާބިލުކަން އިތުރުވެގެންދާނެކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވެއްޖެއެވެ.
ޖަޕާން ސަރުކާރުން ދިވެހި ފުލުހުންގެ ޚިދުމަތަށް އިއްޔެ ހަދިޔާކުރީ ފަސް ލޯންޗާއި، ދެ އޮޕަރޭޝަނަލް ކްރާފްޓެވެ. އިއްޔެ ދޫނިދޫގައި މިކަމަށް ޚާއްސަކޮށްގެން ބޭއްވި ރަސްމިއްޔާތުގައި ޖަޕާން ސަރުކާރުގެ ފަރާތުން މި އުޅަނދުތައް ހަވާލުކޮށްދެއްވީ ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން މި އުޅަނދުތަކާ ހަވާލުވެލެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންއެވެ.
އުޅަނދުތަކާ ރަސްމީކޮށް ހަވާލުވެލެއްވުމަށްފަހު، ކޮމިޝަނަރ އޮފް އިސްމާޢީލް ނަވީން ދެއްކެވި ވާހަކަފުޅުގައި، ޖަޕާން ސަރުކާރުގެ ފަރާތުން ފުލުހުންގެ ޚިދުމަތަށް އުޅަނދުތައް ހަދިޔާކުރުމާއި، އަދި އެކިގޮތްގޮތުން ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވައި ޖަޕާނު ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ. އަދި މި އުޅަނދުތަކާއެކު، ކަނޑުމަތީގެ ފުލުހުންގެ ގާބިލުކަން ވަރަށް ބޮޑަށް އިތުރުވެގެންދާނެކަން ފާހަގަކުރައްވައި، ކަނޑުމަތީގައި ގާނޫނު ތަންފީޒުކުރުމުގެ ގާބިލުކަން އިތުރުވެ، ރަށްރަށުގެ މުޖުތަމައުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، ކުއްލި ހާލަތްތަކުގައި ފުލުހުން އެޓެންޑުވުން އިތުރަށް އަވަސްވެ އަދި ގާބިލުކަން އިތުރުވެގެންދާނެ ކަމަށް ވިދާޅުވިއެވެ.
އަދި ދިވެހިރާއްޖެއާއި ޖަޕާނަކީ ރަހުމަތްތެރިކަމުގެ ދިގު ތާރީހެއް އޮތް ދެ ގައުމުކަން ފާހަގަކުރައްވައި ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް ޖަޕާން ސަރުކާރުން ވެދެއްވާ އެހީތެރިކަން ފާހަގަކުރެއްވިއެވެ. އަދި މި އުޅަނދުތައް ހިދުމަތަށް ނެރޭއިރު، ރައްޔިތުންގެ މަސްލަހަތު ހުރިގޮތަށް ޕްރޮފެޝަނަލް ކަމާއެކު ބޭނުންކުރާނެ ކަމަށް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި، ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯ ދެއްކެވި ވާހަކަފުޅުގައި، މި އުޅަނދުތަކުގެ ބޭނުމަކީ މެރިން ޕޮލިސްގެ ގާބިލިއްޔަތު ތަރައްގީކުރުމާއި، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އަދި ކަނޑުމަތީގައި ގާނޫނު ތަންފީޒުކުރުމަށް އެހީތެރިވެދިނުންކަމަށް ވިދާޅުވިއެވެ. އަދި މި އެހީތެރިކަމުގެ ސަބަބުން، ދިވެހި ފުލުހުންނަށް ކަނޑުމަގުން ކުރިމަތިވާ ގޮންޖެހުންތަކާ ކުރިމަތިލުމުގެ ގާބިލިއްޔަތު އިތުރުވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވެއެވެ. އަދި މި އެހީއަކީ ދިވެހި ފުލުހުންގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ޖަޕާނުން ދެމުންދާ އެއްބާރުލުމުގެ ދަށުން ދެވުނު އެހީއެއް ކަަމަށް ވެސް ވިދާޅުވިއެވެ.
އަދި ރާއްޖޭގެ އެތެރޭގެ ވައިގެ ބަނދަރުތައް އިތުރުވެ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަތުރުވެރިކަން އަވަސް ދުވެލީގައި ކުރިއަރަމުންދާ މި ދަނޑިވަޅުގައި، އަވަހަށް އިޖާބަދެވޭ އުޅަނދުތަކުގެ ބޭނުން ފުލުހުންގެ ޚިދުމަތަށް ވަރަށް ބޮޑަށް މުހިންމުވެފައިވާކަން ފާހަގަކުރައްވައި، މިފަދަ އުޅަނދުތައް ލިބުމަކީ ފުލުހުންގެ ޚިދުމަތް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެއްކަމަށް ވިދާޅުވިއެވެ. އަދި ޖަޕާނާއި ދިވެހިރާއްޖެއާ ދެމެދު ވަރުގަދަ އަދި ކުރިއަރަމުންދާ ގުޅުމެއް ގާއިމުކުރެވިފައިވާ ކަމަށާއި، ހާއްސަކޮށް ގާނޫނު ތަންފީޒުކުރުމާއި އާންމު ސަލާމަތުގެ ދާއިރާތަކުގައި މި ގުޅުން ވަރަށް ބޮޑަށް ފުޅާވެފައިވާ ކަމަށް ވެސް އެ ކަމަނާ ވިދާޅުވިއެވެ.
ފުލުހުންގެ މުއައްސަސާގެ ކުރިއެރުމަށާއި އުމްރާނީ ތަރައްގީއަށް ބޭނުންވާ އެކި ވަސީލަތްތައް ފޯރުކޮށްދެއްވުމުގައި ޖަޕާން ސަރުކާރުން ވެއްދެއްވާ އެހީތެރިކަން މި ރަސްމިއްޔާތުގައި ފާހަގަކޮށް އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ހަނދާނީ ފިލައެއް އަރުވާފައިވެއެވެ. މި ފިލައާ ހަވާލުވެލެއްވީ ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯއެވެ.
މިދިޔަ އަހަރުވެސް، ޖަޕާން ސަރުކާރުން ދިވެހި ފުލުހުންގެ ޚިދުމަތަށް 54 ކާރާއި ހަތަރު ވޭން ހަދިޔާކޮށްފައިވެއެވެ. އަދި އެއްގަމު އުޅަނދާއި ކަނޑު އުޅަނދުގެ އިތުރުން ޑްރަގް ފީލްޑް ޓެސްޓު ކިޓް ޕްރިކަރސަރ ފީލްޑް ޓެސްޓު ކިޓް އަދި ރަމަން ހޭންޑްހެލްޑް ފީލްޑް އައިޑެންޓިފިކޭޝަން ކިޓުގެ އިތުުރުން އެހެނިހެން ތަކެތި ވެސް ހަދިޔާކޮށްފައިވެއެވެ.