މަސްވެރިން މި ރަމަޟާންމަހުގެ ފުރަތަމަ 15 ދުވަހު 54.8 މިލިއަން ރުފިޔާގެ މަސް ސަރުކާރުގެ މަސްކުންފުނި، މިފްކޯއަށް ވިއްކާފައިވާކަން އެކުންފުނީގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
މި ހިނގާ މަރޗްމަހުގެ 1 ވަނަ ދުވަހު ރަމަޟާން މަސް ފެށުނުނަމަވެސް، އާދައިގެ މަތިން މަސްވެރިން އެދުވަހު މަހަށް ނުފުރައެވެ. އަދި، ހުކުރު ދުވަހަކީ އާންމުކޮށް މިފްކޯއިން މަސްކިރާ ދުވަހަކަށް ނުވާތީ 7 އަދި 14 މަރޗް ވީ ހުކުރު ދުވަހު މަސްކިރާފައެއް ނުވެއެވެ. އެހެންކަމުން މި ދުވަސްތައް ނުހިމަނައި ރޯދައިގެ ފުރަތަމަ 15 ދުވަހުގެ ތެރެއިން 12 ދުވަހު 362 އޮޑިއަކުން މިފްކޯގެ އެކި ފެސިލިޓީތަކަށް 54.8 މިލިއަން ރުފިޔާގެ މަސް ވިއްކާފައި ވެއެވެ.
މަސްވެރިން ވިއްކާ މަހަށް ”48 ގަޑީއިރުގެތެރޭގައި ފައިސާ ދޫކުރުމުގެ ޕްލޭން“ގެ ދަށުން މިފްކޯއިން އެ މުއްދަތުގައި ގަތް މަހަށް 2މަރޗްއިން ފެށިގެން މިއަދުގެ ނިޔަލަށް ވަނީ ފައިސާ ދައްކާފައެވެ. މަސްވެރިން މިފްކޯއިން ކްރެޑިޓަށް ކުރިން ނަގާފަ ހުރި ތެލާއި އައިހަށްވާ ފައިސާ އުނިކުރުމަށްފަހު ދޫކޮށްފައިވަނީ 48.5 މިލިއަން ރުފިޔާއެވެ. އެހެންކަމުން، ރޯދައިގެ ފުރަތަމަ ފަނަރައިގައި މިފްކޯއަށް ވިއްކި މަހަށްވާ ފައިސާ މަސްވެރިންނަށް މިވަނީ ލިބިފަ އެވެ.












