މާދަމާއިން ފެށިގެން ސަރުކާރުން ވައުދުވީ ގޮތަށް މަސްވެރިން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ)ގެ ފެސިލިޓީތަކަށް މަސްކިރާތާ 48ގަޑީއިރުގެތެރޭގައި ފައިސާ ދައްކާގޮތަށް ސަރުކާރުން ނިންމައިފި އެވެ.
މިކަން އިއުލާނު ކުރައްވާފައިވަނީ ދާދި ދެންމެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، ކ.ގާފަރު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މަސްވެރިން މަސް ކިރާތާ 48 ގަޑީއިރުގެތެރޭގައި ފައިސާ ދޫކުރުމުގެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން އިއްޔެ މިނިސްޓްރީ އޮފް ފިނޭންސްއާއި، ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް) އާއި މިފްކޯއާ ދެމެދު އެއްބަސްވުމަކަށް އައިސްފައިވާ ކަމަށެވެ. އަދި އެ އެއްބަސްވުމުގެ ދަށުން، ބީއެމްއެލްގައި އެކައުންޓް ހުޅުވާފައިވާ އޮޑިތަކަށް 48 ގަޑީއިރުގެ ތެރޭގައި ފައިސާ ޖަމާވެގެންދާނެކަމަށެވެ.
“ އެ އިންތިޒާމުގެ ނަތީޖާއަކީ، މާދަމައިން ފެށިގެން، ބީއެމްއެލްގައި އެކައުންޓެއް އޮވެއްޖެނަމަ،ކޮންމެ މަސް ދޯންޏަކަށް، އެ ދޯންޏަކުން މަސް ކިރާތާ 48 ގަޑީއިރުގެ ތެރޭގައި،ފައިސާ ޖަމާކުރުމުގެ ކަންތައް އެއޮތީ ހަމަޖައްސައިދީފަ.“ ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، މި ނިންމުމާކު މާދައިމައިން ފެށިގެން ބީއެމްއެލްގައި އެކައުންޓް ހުޅުވާފައިވާ އޮޑިތަކަށް ފައިސާ ޖަމާވެގެންދާއިރު، މޯލްޑިވްސް އިސްލާމިކް ބޭންކް(އެމްއައިބީ)ގައި އެކައުންޓް ހުޅުވާފައިވާ އޮޑިފަހަރަށް ގޮތްތަކެއް ހަމަޖެއްސުމަށް މަސައްކަތް ކުރަންޖެހޭކަމަށެވެ.
ރައީސްގެ ވާހަކަފުޅުގައި މަސްވެރިންނަށް ފައިސާ ދޫކުރުމަށް ބީއެމްއެލްއިން އިންތިޒާމު ހަމަޖައްސާދީފައިވާތީ އެކަން ފާހަގަކުރައްވައި، ޝުކުރު އަދާކުރެއްވި އެވެ. އަދި ބީއެމްއެލްއަކީ ރައްޔިތުންގެ ބޭންކެއްކަން ހާމަކޮށްދެއްވުމަށް ކުރައްވަމުންގެންދާ މަސައްކަތްވެސް ފާހަގަކުރެއްވި އެވެ.