މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތަކުގެތެރޭގައި ހިމަނައިގެން ކުރިއަށްގެންދިޔަ ”މަސްވެރިންގެ ފޯރަމް“ ކާމިޔަބު ކަމާއެކު ނިންމާލައިފިއެވެ.
މިމަހުގެ 10 ވަނަ ދުވަހާއި 11 ވަނަ ދުވަހު ”މަސްވެރިންގެ ގުންޒަރު“ގެ ނަމުގައި ކުރިޔަށްގެންދިޔަ މި ފޯރަމްގައި 9 އަތޮޅަކުން 47 މަސްވެރިންނާއި 4 މަސް ޕްރޮސެސްކުރާ ކުންފުންޏަކުން ބައިވެރިވިއެވެ.
މަސްވެރިންނާއި މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ މަސްވެރިންނަށް މި ސިނާއަތާއި ގުޅުންހުރި އެކިއެކި މައުލޫމާތު ފޯރުކޮށްދީ ސިނާއަތުގައި ހުރި ދަތިތައް ހައްލުކުރާނެ ގޮތްތަކާއި ގުޅޭގޮތުން މި ފޯރަމްގައި މަޝްވަރާކޮށްފައިވެއެވެ. އަދި މަސްވެރިކަމުގެ ސިނާއަތް ތަރައްގީކޮށް ކުރިއެރުވުމާ ގުޅޭގޮތުންވެސް މި ފޯރަމްގައި މަޝްވަރާކޮށްފައިވެއެވެ.
މިފޯރަމް ނިންމާލުމަށްފަހު ފޯރަމްގެ ބައިވެރިންނަށް ސެޓިފިކެޓް ހަވާލުކޮށްދެއްވީ ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމްއާއި މިފްކޯގެ ސީއީއޯ ބްރިގޭޑީއަރ ޖެނެރަލް(ރިޓަޔަޑް) ފަރުހަތު ޝަހީރު އެވެ. މަސްވެރިންގެ ގުންޒަރުގައި ކުރިއަށްގެންދިޔަ ސެޝަން ތަކުގައި އެމް.އެން.ޑީ.އެފް ކޯސްޓް ގާރޑް، އެމް.އެފް.އޯ.އާރް.އެމް.ޕީ.ސީ، އެމް.އެސް.ޕީ.އީ.އޭ އަދި ބީ.އެމް.އެލްގެ ފަރާތުން ސެޝަންތައް ނަގައިދީފައިވެއެވެ.