މަސްވެރިކަން ކުރަމުން އަންނަ އޮޑިފަހަރާއި، މަސްވެރިކަމަށް އަލަށް ބަންނަމުންދާ އުޅަނދުތަކުގައި ލޮނުފެނުން މަސް ފިނިކުރާ ނިޒާމް ނުވަތަ އާރްއެސްޑަބްލިއު ސިސްޓެމް ގާއިމުކުރުމަށް ކުރިޔަށްގެންދާ މުރާބަހާ ފެސިލިޓީއާ ގުޅޭ މައުލޫމާތު ސެޝަނެއް ރ.މަޑުއްވަރީގައި ބާއްވަން ނިންމައިފިއެވެ.
މަޑުއްވަރީ މަސްވެރިންނާއި އޮޑިވެރިންނާއި ކެޔޮޅުންނަށް އަމާޒުކޮށް ބާއްވާ މި ބައްދަލުވުން އޮންނާނީ މާދަމާރޭ 20:30ގައި މަޑުއްވަރީ އިރުވެލި މާލަމުގައެވެ. މި ބައްދަލުވުމުގައި މަޢުލޫމާތު ދެއްވާނީ ފިޝަރީޒް މިނިސްޓްރީގެ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓުގެ ފަންނީ ބޭފުޅުންނެވެ. އެ ބައްދަލުވުމުގައި އާރްއެސްޑަބްލިއު ސިސްޓަމާއި، ސޯލާ ޕީވީއާއި އަދި މުރާބަހާ ފައިނޭންސިންގް ފެސިލިޓީއާ ގުޅޭ އާންމު މައުލޫމާތުތައް ހިއްސާކުރެވިގެންދާނެކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.
މިނިސްޓްރީން ބުނީ، ރ އަތޮޅުގައި އާރްއެސްޑަބްލިއު ފެސިލިޓީއާ ގުޅޭ މައުލޫމާތުދިނުމުގެ އިތުރު ބައްދަލުވުމެއް ބާއްވަން ގަސްދުކުރާކަމަށެވެ. އެގޮތުން އެއަތޮޅުގެ ދުވާފަރުގައި އިތުރު ބައްދަލުވުމެއް އިންތިޒާމުކުރެވޭތޯ މަސައްކަތްކުރަމުން އަންނަކަމަށް މިނިސްޓްރީން ބުންޏެވެ.
”މުރާބަޙާ އާރްއެސްޑަބްލިއު ފައިނޭންސިންގ“ ފެސިލިޓީއަކީ، އިސްލާމިކް ޑެވެލޮޕްމެންޓް ބޭންކް(އައިޑީބީ) އާއި ލައިވްސް އެންޑް ލައިވްލިހުޑް ފަންޑް(އެލްއެލްއެފް)އާއި ފިޝަރީޒް މިނިސްޓްރީ ގުޅިގެން ފަށާފައިވާ ”ސަޕޯޓް ޕީޕަލްސް ލައިވްލިހޫޑް އިން ފިޝަރީޒް ސެކްޓަރ އިން މޯލްޑިވްސް ތްރޫ ސަސްޓެއިނަބަލް އެނަރޖީ މަޝްރޫޢު“ ގެ ދަށުން އޮޑިފަހަރުގައި އާރްއެސްޑަބްލިއު އެޅުމަށް، އެސްއެމްއީ ޑެވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން(އެސްޑީއެފްސީ) މެދުވެރިކޮށް ހަމަޖައްސާފައިވާ ފައިނޭންސް ފެސިލިޓީ އެކެވެ. މި ފެސިލިޓީގެ ދަށުން މަދުވެގެން 100 އެއްހާ ދޯނީގައި އާރްއެސްޑަބްލިއު ސިސްޓަމްތައް އެޅުމަށް ހަމަޖެހިފައިވެއެވެ.
’މުރާބަޙާ އާރްއެސްޑަބްލިއު‘ ފައިނޭންސިންގ ގެ ދަށުން، 2,000,000 ރުފިޔާ އާއި ހަމައަށް ފައިސާ ދޫކުރާއިރު، ފައިދާ ހިސާބު ކުރަނީ އަހަރަކަށް %6 ގެ މަގުންނެވެ. މި ފެސިލިޓީގެ ދަށުން ނަގާ ތެކެތީގެ އަގުގެ 35 އިންސައްތަ ދައްކައިދެނީ ސަރުކާރުންނެވެ. ގިނަވެގެން 10 އަހަރު ދުވަހުގެ ތެރޭގައި ދައްކާ ޚަލާސްކުރާ ގޮތަށް މި ފެސިލިޓީގެ ދަށުން ފައިނޭންސްކޮށްދޭއިރު، 6 މަސް ދުވަސް ގްރޭސް ޕީރިއެޑްގެގޮތުގައި ހަމަޖައްސައި ދެއެވެ.
”މުރާބަހާ “ ފެސިލިޓީއަށް އެދި ހުށަހަޅާނީ އެސްޑީއެފްސީގެ ޕޯޓަލް މެދުވެރިކޮށްނެވެ.