ސަރުކާރުގެ މަސް ކުންފުނި މިފްކޯއަށް، މަސްވެރިން އަތުން މަސް ގަންނަ އަގު ކިލޯއަކަށް 20 ރުފިޔާ މަގުން ބޮޑުކުރައްވާނެކަމަށް ވެވަޑައިގެންނެވި ރިޔާސީ ވައުދު ހާސިލުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރތ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ހަތަރު އަތޮޅަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު މ. ދިއްގަރަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ސަރުކާރުން މަސްވެރިކަމުގެ ސިނާއަތައް ދެއްވާ އަހައްމިއްޔަތުކަން ފާހަގަކުރައްވައި ވިދާޅުވީ، މަސްވެރިކަމުގެ ދާއިރާއަކީ އިގުތިސާދީ ސިނާއަތްތަކުގެ ތެރެއިން ދެވަނަޔަށް އެންެ އިސްކަމެއްދެއްވާ ސިނާއަތުކަމަށެވެ. އެގޮތުން ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ޖުމްލަ މުޅި ރާއްޖޭގެ މަސްވެރިކަމަށް ގެންނަ ކުރިއެރުން ބަޔާންކުރައްވައި އެމަނިކުފާނު ވިދާޅުވީ މަސްވެރިކަމުގެ ދާއިރާއަށް ގެންނަ ކުރިއެރުމުގެ ތެރެއިން، ޔަގީނުން ދިއްގަރުގެ މަސްވެރިންނަށްވެސް ކުރިއެރުންތައް އަންނާނެކަމަށެވެ.
މަސްވެރިންނަށް އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދުފުޅުތަކައް އިޝާރާތްކުރައްވައި ވިދާޅުވީ، ވައުދުތައް ފުއްދުމުގައި ވަރަށް ގިނަ މަސައްކަތްތައް މިއަދާ ހަމަޔަށް ކުރެވިފައިވާކަމަށާއި، އެގޮތުން މިދިޔަ ޑިސެންބަރުމަހުން ފެށިގެން މަސްވެރިންނަށް 48 ގަީޑއުން ފައިސާ ދޭން ފެށިފަހުން މިހާތަނަށް މެދުކެނޑުމެއްނެތި ދެމުން އަންނަކަމަށެވެ. އެ ވައުދު ފުއްދުމުގައި އަހަރެއް ފާއިތުވެގެންދިޔައީ ވަކި ތަރުތީބަކުން ދެމެހެއްޓެނިވި ގޮތަކަށް މަސްވެރިންނަށް ފައިސާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ކަމަށްވެސް ވިދާޅުވިއެވެ.
”އަޅުގަނޑު ވެފައި ހުރި ވަޢުދުތައް ފުއްދުމުގައި، ވަރަށް އިސްކަންދީގެން، ވަރަށް ގިނަ މަސައްކަތްތަކެއް މިއަދާ ހަމައަށް އައިއިރުވެސް މިވަނީ ކުރެވިފައި. ވަކިން ޚާއްޞަކޮށް، މިގޮތުން ބަލާއިރުގައި، 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދިނުމުގެ ވަޢުދު، އިރާދަކުރެއްވިއްޔާ، މިހާރު އަހަރު ދުވަސްވާން މިދަނީ އެއްވެސް މެދުކެނޑުމެއްނެތި، ފައިސާ ދެމުންދާތާ. މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހު ފެށިގޮތަށް. މިއަދާ ހަމައަށް އައިއިރު، އިރާދަކުރެއްވީތީ ބަދަލެއްނައިސް، މެދުކެނޑުމެއްނެތި، މިދަނީ ފައިސާ ދެމުން.“ ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީީ ދެން އެމަނިކުފާނު މަސްވެރިންނަށް ވެވަޑައިގެންފައިވާ ވައުދުކަމަށްވާ މަސް ގަންނަ އަގު20 ރުފިޔާއަށް މަތިކުރަން ވެވަޑައިގެންފައިވާ ވައުދު ފުއްދުމުގައިވެސް ދުވަސްތަކެއް ނަގަނީ އެކަމަށް ވާން ޖެހޭ ތައްޔާރީތައް ވަމުންދިއުމާއި، އަދި ދޭން ފެށުމަށްފަހު މެދުކެނޑުމެއްނެތި ނުވަތަ ދެމެހެއްޓެނިވިގޮތަކަށް އެފައިސާ ދެވޭނެ އިންތިޒާމާއެކު އެކަން ފެށުމަށްކަމަށެވެ.
”އަޅުގަނޑުމެން ދެން މަސައްކަތްކުރަމުން މިދަނީ އަޅުގަނޑުވީ އެންމެ މުހިންމު ވައުދު، 20 ރުފިޔާގެ ވައުދު. އެއީވެސް ސަސްޓެއިނަބަލްކޮށް، މެދުނުކެނޑި ކުރިޔަށްގެންދަން ބޭނުންވާ ކަމެއް. ހަމަ ނަމެއްގަ މާދަމައިން ފެށިގެން 20 ރުފިޔާއޭ ބުނީމަ އަދި އެކަމެއް ނުއެއްވޭ. އެހެންވީމަ އިރާދަކުރެއްވިއްޔާ އެކަންވެސް ހާސިލުކުރުމަށް ޓަކައި މިދަނީ ވަރަށް ގިނަ މަސައްކަތްތައް އިންޑަސްޓްރީ ތެރޭގައި، މިނިސްޓްރީންނާއި މިފްކޯއާ ކަމާގުޅޭ ހުރިހާ ފަރާތްތަކާއެކީގަ ސަރުކާރުން މިދަނީ މަސައްކަތްކުރަމުން. އެހެންވީމަ އެއީވެސް އަޅުގަނޑުމެން ހަމަހާސިލުކުރާނެ ކަމެއް. އިރާދަކުރެއްވިއްޔާއެކަމަށްޓަކައި، ވަރަށް ބައިވަރު މަސައްކަތްކުރަމުންދާކަން.“ ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި، ލުއި ފަސޭހަގޮތެއްގައި މަސްވެރިންނަށް އައިސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމާއި، އެސްޓީއޯ މެދުވެރިކޮށް ރާއްޖޭގެ ކޮންމެ އަތޮޅަކުން ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ކުރަމުންދާ މަސައްކަތްތަކާއި، ކޯލްޑް ސްޓޯރޭޖް އަދި ޕްރޮސެސިން ޕްލާންޓްތައް ގާއިމުކުރަން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކައް އަލިއަޅުވާލެއްވިއެވެ. އަދި މަސްވެރިންގެ ދަފްތަރު ފެށުމާއެކު މަސްވެރިންނަށް ލިބެމުންދާ ލުއި ފަސޭހަތަކާއި، އާރްއެސްޑަބްލިއު ނިޒާމު ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި، އެމަސައްކަތްތައް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތައްވެސް އަދާހަމަކުރެއްވިއެވެ.
ރައީސްގެ ވާހަކަފުޅު ނިންމަވާލެއްވީ، ކުރިޔަށް އޮތީ މަސްވެރިންނަށް އުފާވެރި އަދި ފާގަތި ދުވަސްތަކެއް ކަމަށް ވިދާޅުވަމުންނެވެ.