މަސްވެރިންނަށް ފަސޭހަކަމާއެކު ފައިނޭންސް ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް) އާއި ފިޝަރީޒް މިނިސްޓްރީއާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ފުރަތަމަ ތިން މަސްދުވަސް ދުވަހުގެ ތެރޭގައި 25 މަސްވެރިއަކަށް ލޯނު ދޫކޮށްފިއެވެ.
ބީއެމްއެލްއާއި މިނިސްޓްރީއާ ދެމެދު މަސްވެރިންނަށް ލޯނު ދޫކުރުމަށް މަގުފަހިކުރުމުގެ ގޮތުން މިއަހަރުގެ އޭޕްރީލްމަހުގެ 28 ވަނަ ދުވަހު ސޮއިކުރެވުނު އެއްބަސްވުމަށް އަމަލުކުރަން ފަށާފައިވަނީ މެއިމަހުގެ އެއްވަނަ ދުވަހު އެވެ. މި އެއްބަސްވުމުގެ ދަށުން ލޯނަށް އެދި ހުށަހެޅެނީ މަސްވެރިންގެ ގައުމީ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ، މި އެއްބަސްވުމާ އެއްގޮތައް މެއި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ބީއެމްއެލްއިން މަސްވެރިންނަށް ލޯނު ދޫކުރަން ފަށާފައިވާއިރު، ލޯނަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ 25 ފަރާތަކައް ޖުލައި މަހުގެ ނިޔަލަށް ލޯނު ދޫކޮށްފައިވާކަމަށެވެ.
މަސްވެރިކަމަކީ ވަޒީފާއެއްގެ ގޮތުގައި ކަނޑައަޅައި، ލޯނު ލިބޭގޮތް ކަނޑައަޅައި، ލޯނު ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު، މި އައު އިންތިޒާމުގެ ދަށުން މަސްވެރިންގެ އާމްދަނީއަށް ބަލައި، ޕާސަނަލް ފައިނޭންސިންގ، ކްރެޑިޓް ކާޑު، އަދި ގެދޮރު ލޯނު ފަދަ އެކި ބާވަތުގެ ކްރެޑިޓް ފެސިލިޓީތަކަށް ވާޞިލުވުމުގެ ފުރުޞަތު ލިބިގެންދެއެވެ. އަދި، ޝަރުޠު ހަމަވާ މަސްވެރިންނަށް ރަހުނެއް ނުވަތަ އިކުއިޓީއެއް ބޭނުންނުވެ 300,000 ރުފިޔާއާ ހަމައަށް ޕާސަނަލް ފައިނޭންސިންގ ލިބެއެވެ.