ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ކުރަމަތި އައިލެންޑް ރިސޯޓް މުވައްޒަފުންނަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް މެރިން ޕޮލިހުން ކުރިއަށް ގެންގޮސްފިއެވެ.
އޮކްޓޫބަރު 26 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި މައުލޫމާތު ދީފައިވަނީ އެ ރިސޯޓުގެ ކަނޑު އުޅަނދުފަހަރު ދުއްވާ ފަރާތްތަކާއި، ވޯޓަރ ސްޕޯޓްސްއާއި، ޑައިވަރުންނާއި، ސެކިއުރިޓީންގެ ގޮތުގައި ހަރަކާތްތެރިވާ މުވައްޒަފުންނަށެވެ. މި ޕްރޮގްރާމްގައި، އެ ރިސޯޓުގެ 35 މުވައްޒަފުން ބައިވެރިވިއެވެ.
މި ޕްރޮގްރާމުގައި، ކަނޑު އުޅަނދުފަހަރަށް މީހުންނާއި މުދާ އެރުވުމުގައި ސަމާލުކަންދޭންޖެހޭ ކަންކަމާއި ދަތުރަށް ފުރުމުގެ ކުރިން ބަލަންޖެހޭ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. އަދި ކަނޑުމަތީގައި އުޅޭއިރު ސަލާމަތާއި ރައްކާތެރިކަން ކަށަަވަރުކުރުމަށް މަސައްކަތްކުރާނެ ގޮތްތަކާއި ކަނޑުމަތީގައި ހާދިސާއެއް ދިމާވެއްޖެނަމަ އަމަލުކުރާނެ ގޮތްތައް ކިޔައިދީފައިވެއެވެ.
މީގެ އިތުރުން، ކަނޑު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. އަދި ފަތުރުވެރިންނަށް ހިދުމަތްދޭއިރު ސަމާލުކަންދޭންޖެހޭ ކަންކަމާއި ކަނޑުމަތީގައި ހިނގާ ހާދިސާތައް މަދުކުރުމަށް ފަތުރުވެރިންނަށް ވެސް މައުލޫމާތު ދިނުމަށް އިލްތިމާސްކޮށްފައިވެއެވެ.
މިމަހުގެ 19 އިން 20 އަށް އުކުޅަހުގައި އެކްސްކާޝަން އަދި ގެސްޓްހައުސް ވިޔަފާރިކުރާ ފަރާތްތަކަށް ޚާއްސަކޮށްގެން ކަނޑުމަތީގެ ހާދިސާތަކުން ރައްކާތެރިވުމަށް މައުލޫމާތު ދިނުމުގެ ސެޝަންތަކެއްވެސް މެރިން ޕޮލިހުން ބާއްވާފައި ވެއެވެ. އުކުޅަހު ޕޮލިސް ޕޯސްޓާއި މެރިން ޕޮލިހާއި، ރަށު ކައުންސިލު ގުޅިގެން ކުރިޔަށްގެންދިޔަ މި ސެޝަންތަކުގައި ކަނޑުމަތީގެ ހާދިސާތަކުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަމާއި ކަނޑުމަތީގައި އުޅަނދުގެ އިންޖީނަށް މައްސަލައެއް ދިމާވެއްޖެ ހާލަތުގައި އަމަލުކުރަންވީ ގޮތުގެ މައުލޫމާތު ދީފައިވެއެވެ. އަދި މީހަކަށް ސިއްހީ މައްސަލައެއް ދިމާވެއްޖެ ހާލަތުގައި ފުރަތަމަ އެހީދޭނެ ގޮތްތައް ދަސްކޮށްދީފައިވެއެވެ. މީގެ އިތުރުން، ކަނޑުދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކާ ގުޅޭގޮތުން ވެސް މައުލޫމާތު ދީފައިވެއެވެ.
މީގެ އިތުރުން ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ސެޝަނެއް އއ. އުކުޅަހު ސްކޫލު ދަރިވަރުންނަށް ކުރިއަށް ގެންގޮސްފައިވެއެވެ.