ކޮލަމާ ބޯޓުގެ ކެޕްޓަން އަދި ބޯޓުގެ ވެރިޔާ ނިޔާވެއްޖެއެވެ.
އޭނާ ނިޔާވީ ކޮލަމާ ބޯޓު މާލެއިން ބަރުކޮށްގެން ކޮލަމާފުއްޓަށް ކުރި ދަތުރުގައި ދިމާވި ކަނޑުމަތީ ހާދިސާއެއްގައެވެ. އެ ދިމާވި ހާދިސާގައި، އެހީތެރިކަން ފޯރުކޮށްދިން ކެޔޮޅަކު ’ކެޔޮޅާ’އަށް މައުލޫމާތު ދިންގޮތުގައި، ކެޕްޓަން ނިޔާވީ ބޯޓުގެ ޝާފްޓްގައި އޭނާ ލައިގެން ހުރި ޓީޝާޓް އަޅައިގެން ދިމާވި ހާދިސާގައެވެ. ފުލުހުންގެ އެހީތެރިކަމާއެކު، އޭނާ ގއ.ވިލިނގިލީ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެފައި ވެއެވެ.
ކޮލަމާ ބޯޓް މާލެއިން ފުރައިގެން ލ އަތޮޅުގެ ކަނޑު ހުރަސްކޮށް ހުވަދޫ ކަނޑުގައި ދަތުރުކުރަމުން ދަނިކޮށް، ރެއިން ފެށިގެން ބޯޓުގެ ޚަބަރެއް ނުވެގެން މިއަދު މެންދުރު ފުލުހަށް ރިޕޯޓްކޮށްފައިވެއެވެ. ފުލުހުންނާއި އެމްއެންޑީއެފް ސަދަން ކޮމާންޑުން ބޯޓް ހޯދަން މަސައްކަތްކޮށްފައިވެއެވެ. ބޯޓުގެ ޚަބަރެއްވީ މިއަދު މެންދުރުފަހުއެވެ. ބޯޓުގެ ޚަބަރެއްވީ އެކިފަރު ސަރަހައްދުން، ނުވަތަ ގއ. މާމުޓާ ކައިރިން ފަރަށް އަރާފައިވަނިކޮށްނެވެ. ކެޕްޓަން ނިޔާވުމުން އެވަގުތުގައި ބޯޓް ދުއްވާފައިވަނީ އެބޯޓުގައި ފަޅުވެރިއެއްގެގޮތުގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީއެއްކަމަށް މައުލޫމާތު ލިބިފައި ވެއެވެ.
ފުލުހުން ބުނީ ކޮލަމާ ބޯޓަށް ދިމާވި ހާދިސާ ތަހުގީގު ކުރަމުން އަންނަކަމަށެވެ. މިހާދިސާ ހިނގި އިރު ބޯޓުގައި ތިބީ ކިތައް މީހުންކަމެއް ނުވަތަ ފަޅުވެރިންނެއްކަމެއް އަދި ސާފެއް ނުވެއެވެ. ’ކެޔޮޅާ’އަށް މައުލޫމާތު ދިން ކެޔޮޅަކު ބުނިގޮތުގައި އެ ބޯޓް ފަރަކަށް އަރައި، އެބޯޓަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.