ހދ. ނެއްލައިދޫ ކައިރީ ވަދު ކަނދުފައްޗެއް އަޅަން އެރަށު ކައުންސިލާއި ފިޝަރީޒް މިނިސްޓްރީން މަޝްވަރާކޮށްފި އެވެ.
މިއަދު ފިޝަރީޒް މިނިސްޓްރީގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ކައުންސިލާ ބައްދަލުކުރެއްވީ ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްޠަލިބް އެވެ.
ހދ ނެއްލައިދޫ ކައުންސިލްގެ މެންބަރުންނާއި، ނެއްލައިދޫ ހިމެނޭ ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދާއި މިނިސްޓްރީގެ ބައެއް އިސްވެރިން ބައިވެރިވެ ވަޑައިގެންނެވި މި ބައްދަލުވުމުގައި، ނެއްލައިދޫ ކައިރީގައި ވަދު ކަނދުފައްޗެއް ގާއިމުކުރުމާއި ބެހޭގޮތުން އެބޭފުޅުން މަޝްވަރާ ކުރައްވާފައިވެއެވެ. އަދި، އެސަަރަހައްދުގައި މެރިކަލްޗަރ ސިނާއަތު ތަރައްގީކުރުމަށްހުރި ފުރުސަތުތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރެވުނުކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފައި ވެއެވެ. އެގޮތުން ނެއްލައިދޫ އަކީ ހުއިފިލަނޑާގެ މަސްވެރިކަން ކުރަމުން އަންނަ ބައެއްކަން ފާހަގަކޮށް ރާއްޖެއިން ބޭރަށް ހުއިފިލަނޑާ ބޭރުކުރެވޭނެ ފުރުސަތުތަކާއި ގުޅޭގޮތުންވެސް މިބައްދަލުވުމުގައި މަޝްވަރާކޮށްފައިވެއެވެ.
ވައިކަރަދޫ ދާއިރާގައި ހިމެނޭ އެއްވެސް ރަށެއްގައި މިވަގުތު ވަދު ކަނދުފައްޗެއް ނެތެވެ. ހދ އަތޮޅުގައި މިހާރު އޮންނަނީ އެންމެ ވަދު ކަނދުފައްޗެކެވެ. މިދިޔަ އަހަރުގެ ޖޫންމަހުގެ ތެރޭގައި އެޅި މިކަނދުފަތި އޮންނަނީ ކުޅުދުއްފުށީ ސިޓީގެ އިރުން 3.9 މޭލު ބޭރުގައެވެ.
ފިޝަރީޒް މިނިސްޓްރީން މީގެކުރިން ބުނެފައިވަނީ ވަދު ކަނދުފަތި އަޅަން އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކުން ވަރަށް ގިނައިން އެދެމުން އަންނަކަމަށެވެ. އެހެންނަމަވެސް މިހާރު ކަނދުފަތި އުފައްދާ އެންމެ މަރުކަޒެއް ހުރުމާއެކު އެ އަންނަ ޑިމާންޑާ އެއްވަރަށް ކަނދުފަތި ހަރުނުކުރެވޭމަށެވެ. އަދި ރާއްޖޭގެ ދެ ސަރަހައްދެއްގައި ގާއިމުކުރުމަށް ނިންމާފައިވާ ކަނދުފަތި ސެންޓަރުތައް ނިމުމާއެކު މިކަމަށް އެދެވޭ ހައްލެއް އަންނާނެކަމަށް މިނިސްޓްރީން ބުންޏެވެ. ރާއްޖޭގެ ކަނދުފަތީ ވިއުގައަށް ބަލާއިރު މިވަގުތު 41 ސަރަހައްދެއްގައި ވަދު ކަނދުފަތި އެބަައޮތެވެ. ވަދުކަނދުފައްޗަކީ ފަރު މަސްވެރިކަން އަދި މުނިފޫހި ފިލުވުމަށްޓަކައި ކުރެވޭ މަސްވެރިކަމަށް ޚާއްސަ ކަނދުފަތިތަކެކެވެ.
ކަނދުފަތި އެޅުން މިވަގުތައް އޮތީ މަޑުޖައްސާލާފައެވެ.ފިޝަރީޒް މިނިސްޓްރީން ބުނީ އަންނަ ހަފުތާގައި ކަނދުފަތި އެޅުމުގެ މަސައްކަތް ފަށާނެކަމަށެވެ.