ށ. ބިލެތްފަހި ބޭރުގައި ވަދު ކަނދުފައްޗެއް ގާއިމުކޮށްފި އެވެ.
މިއަދު ހެނދުނު ވަދު ކަނދުފަތި ގާއިމުކޮށްފައިވަނީ އެރަށުގެ ހުޅަނގު ދެކުނުން 5 މޭލު ބޭރުގައެވެ. ވަދުކަނދުފަތީގެ ނަންބަރަކީ D08V03 އެވެ.
ބިލެތްފަހީގައި މުޅީ އަލަށް ވަދު ކަނދުފައްޗެއް އަޅާފައި މިވަނީ، މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުގައި އެ ރަށު ކައުންސިލުން ފިޝަރީޒް މިނިސްޓްރީގެ އިސް ބައެއް ވެރިންނާއެކު ބޭއްވެވި މަޝްވަރާ ބައްދަލުކުރެއްވުމެއްގައި އެރަށުގައި ވަދުކަނދުފަތި ގާއިމްކުރުން އަވަސްކުރުމަށް އެދިފައިވަނިކޮށްނެވެ. އެ ބައްދަލުވުމުގައި ފިޝަރީޒް މިނިސްޓްރީން ކަނދުފަތި ގާއިމުކޮށްދޭނެކަމުގެ ޔަގީންކަން ދީފައި ވެއެވެ.
ފިޝަރީޒް މިނިސްޓްރީގެ ފަންނީ ޓީމުން މިހާރު ށ. އަތޮޅަށް ކުރަމުންދާ ދަތުރުގައި، މިމަހުގެ 26 ވަނަ ދުވަހު ވަނީ އެއަތޮޅުގެ ނެޔޮގެ އިރުން 6 މޭލު ބޭރުގަވެސް ވަދު ކަނދުފައްޗެއް އަޅާފައެވެ.އަލަށް ގާއިމުކުރި އެ ވަދު ކަނދުފަތީގެ ނަންބަރަކީ D09V04 އެވެ. އަލަށް ގާއިމުކުރި މި ދެކަނދުފައްޗާއެކު ށ. އަތޮޅުގެ ވަދުކަނދުފަތީގެ އަދަދު ވަނީ 6 އަށް އަރާފައެވެ.
ކުރިން ގާއިމުކޮށްފައިވާ ކަނދުފަތިތަކުގެ ލޮކޭޝަން:
ބޮޑުހުުރާގެ ހުޅަނގު އުތުރުން 5 މޭލު ބޭރުގައި
އެކަސްދޫގެ އިރު ދެކުނުން 5 މޭލު ބޭރުގައި
ރަށްރަށުގެ ވަށައިގެން 3 މޭލާއި 6 މޭލާއި ދެމެދުގެ ދުރުމިނުގައި ޤާއިމުކުރާ ވަދު ކަނދުފައްޗަކީ ވަދު ނަނުގެ އަދި ސްޕޯޓް ފިޝިންގ މަސްވެރިކަމަށް ޚާއްސަ ކަނދުފަތިތަކެކެވެ. ވަދު ކަނދުފަތި، ފަރުމާކޮށްފައިވަނީ ދުރަށް ފެންނަހެން ބައްތިއަކާއި، ކަނދުފަތި އޮތް ތަން ފަސޭހައިން ދެނެގަނެވޭނެގޮތަށް ހުންނަ ރާޑަރު ރިފްލެކްޓަރަކާއި އެކުގައެވެ. ރާއްޖޭގެ ވަދު ކަދުފަތި ވިއުގައިގަ މިހާރު ޖުމްލަ 54 ކަނދުފަތި ހިމެނެއެވެ. ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކަނދުފަތި ގާއިމްކުރުމުގެ މަސައްކަތް ފިޝަރީޒް މިނިސްޓްރީން ދަނީ ކުރަމުންނެވެ.
ސަރުކާރުގެ މަސްވެރިކަން ތަރައްޤީކުރުމުގެ ސިޔާސަތުގެ ދަށުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވަދު ކަނދުފަތި ގާއިމްކުރަނީ މަސްވެރިން، ޚާއްޞަކޮށް ޒުވާން މަސްވެރިންނާއި ސްޕޯޓްސް ފިޝިންގްގައި ޝާމިލުވާ ފަރާތްތަކަށް ލުއި ފަސޭހަކޮށްދީ މަސްވެރިކަން އިތުރަށް ތަރައްގީކޮށް އެއިން ލިބޭ އާމްދަނީ އިތުރުކުރުމަށް އެހީތެރިވެދީ ބާރުއެޅުމުގެ ގޮތުންނެވެ.