މަސްވެރިން ދުވަސް ފާހަގަކުރުމަށް ބާއްވާ ހަފްލާގައި އެކި ސަރުކާރުން ދެމުން އަންނަ އެވޯޑް ފަރުމާ ކުރުމުގެ ފުރުސަތު ފިޝަރީޒް މިނިސްޓްރީން ހުޅުވާލައިފި އެވެ.
އެވޯޑު ފަރުމާކޮށްދޭން ޝައުގުވެރިވާ ފަރާތްތަކަށް މިނިސްޓްރީން ފުރުސަތު ހުޅުވާލީ މިމަހުގެ 14 ވަނަ ދުވަހު އެވެ. މިމަސައްކތްކުރަން ބޭނުންވާ ފަރާތްތަކުން މިނިސްޓްރީން އާންމުކޮށްފައިވާ މިންގަނޑުތަކާ އެއްގޮތަށް އެވޯޑް ފަރުމާކޮށް، 20 ނޮވެމްބަރު 2024 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން fisheriesmanagement@fisheries.gov.mv އަށް ފޮނުއްވުމަށް މިނިސްޓްރީން އެދިފައި ވެއެވެ. މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ބޭނުންނަމަ، އީ މެއިލްމެދުވެރިކޮށް މައުލޫމާތު ސާފުކޮށްލެވޭނެއެވެ. އަދި މިނިސްޓްރީގެ ނަންބަރުތަކަށް(3339224/3339229) ގުޅާލައިގެންވެސް މައުލޫމާތު ސާފުކޮށްލެވޭނެއެވެ. މިނިސްޓްރީން ބުނީ، ކޮންމެ ފަރާތަކަށް ވެސް ހުށަހެޅޭނީ 1 ޕްރޮޕޯސަލްކަމަށެވެ. އަދި، އެއްފަރާތަކަށް ވުރެ ގިނަ ފަރާތްތަކުން ގުޅިގެންވެސް ޕްރޮޕޯސަލެއް ހުށަހެޅިދާނެކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
އެވޯޑް ފަރުމާކުރަން ޖެހެނީ މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ޝިއާރާއި، މަސްވެރިކަމުގެ ސިނާއަތް އެކަށީގެންވާ ގޮތެއްގައި ރަމްޒު ކޮށްދޭނެފަދަގޮތަކަށެވެ. މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ޝިއާރަކީ، ”މަސްވެރިކަމުގެ ސިނާއަތު ސިންދަފާތުކުރުމުގައި ޒުވާނުންގެ ބައިވެރިވުން“ އެވެ. މިނިސްޓްރީން ބުނީ، ޑިޒައިން އިޚްތިޔާރު ކުރުމުގައި ޒަމާނުއްސުރު ދެމެހެއްޓެނިވި ގޮތުއްގައި ދިވެހިން ކުރަމުން އައިސްފައިވާ ދޮށީގެ މަސްވެރިކަމާއި، މަސްވެރިކަމުގެ ސިނާއަތް ސިންދަފާތު ކުރުމުގެ މުހިންމުކަން ދައްކުވައިދޭ ޒަމާނީ އަދި އިޖާދީ ހުށަހެޅުންތަކަށް އިސްކަންދޭނެކަމަށެވެ.












