ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މޫސުމާބެހޭ ގައުމީ އިދާރާއިން އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް މޫސުމީ ރީނދޫ ސަމާލު ނެރެފި އެވެ.
ހެނދުނު09:30 އިން މެންދުރު ފަހު01:30 އާ ހަމަޔަށް ސަމާލު ނެރެފައިވަނީ ހއ އަތޮޅުން ފެށިގެން ތ އަތޮޅު ހިމެނޭ ސަރަހައްދަށެވެ. ސަމާލު ނެރެފައިވަނީ ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކޮށްނެވެ.
ކުރިޔަށް24 ގަޑީއިރަށް މޫސުން ކުރިޔަށް ލަފާކޮށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފައިވަނީ، އެކިހިސާބަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވަކަމަށެވެ. ވައިޖެހޭނެކަމަށް ލަފާކޮށްފައިވަނީ ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށް އެއިދާރާއިން ބުނެފައި ވެއެވެ.
މިއަދު ކަނޑުތައްވެސް އާންމުގޮތެއްގައި ގަދަވާނެކަމަށާއި، 4-8 ފޫޓު އުސްމިނުގެ ރާޅު ނަގާނެކަމަށް ލަފާކޮށްފައި ވެއެވެ.
މޫސުން ގޯސްކަމުން ހުރިހައި ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ގައުމީ އިދާރާއިން އިލްތިމާސްކޮށްފައި ވެއެވެ.